ވެރިކަން
ކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިމިދިޔަ
އިންތިޚާބުތަކުގައި ވޯޓު ނުދިނީ އިސްލާމް ދީން އިސް ނުކުރާ މީހުންކަމަށް ދޭހަވާ
މޭރުމުން ވާހަކަ ދެއްކެވުމަށްފަހު، އެހެން ވާހަކަ ދައްކަވާފައި ނުވާނެކަމަށް
ވިދާޅުވެ، ރައީސް ޑރ މުޙައްމަދު މުއިއްޒު އިތުރުފުޅު ހައްދައިފިއެވެ.
އއ.
ރަސްދޫގައި އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ އިންތިޚާބުގެ
ނަތީޖާއަށް ބަލާއިރު، ހުރިހާ އިންތިޚާބަކުންވެސް ޕީއެންސީގެ ފިކުރަށް ތާއީދުކޮށް،
ދީނީ ޤައުމީ ފިކުރަށް މެޖޯރިޓީ ދެއްވާފައިވާކަމަށް ވިދާޅުވެފައެވެ.
ހުރިހާ އިންތިހާބަކުން ރާއްޖޭގެ މެޖޯރިޓީ މިއޮތީ މި ފިކުރަށް ތާއީދުކޮށް، ދީނީ ގައުމީ ފިކުރަށް ތާއީދުކޮށް ޕީއެންސީ އަށް މެޖޯރިޓީ ދެއްވާފައިރައީސް ޑރ މުޙައްމަދު މުއިއްޒު
އެހެންކަމުން
ރައީސްއަށް އެހެން ވިދާޅުވުމުގެ ޙައްޤު އޮތްތޯ ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި
ރާއްޖެޓީވީން ސުވާލުކުރުމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވިދާޅުވި ބަސްފުޅުގެ
ނުބައި މާނައެއް ނެންގެވިގެން އުޅެނީ ކަމަށެވެ. އަދި ވިދާޅުވީ، ދިވެހި ރައްޔިތުންތަކެއް
އެއީ މުސްލިމުން ނޫން ކަމަށް ބަޔާންކުރާ އެއްވެސް
ވާހަކަ އެއް އެމަނިކުފާނު ދައްކަވާފައި ނުވާނެ ކަމަށެވެ.
އައުޓް އޮފް ކޮންސްޓެކްޓް ނެންގެވީމަ ވަރަށް ގިނަ މާނަ ނެންގެވޭނެ އެނގޭތޯ. އައުޓްއޮފް ކޮންޓެކްސްޓް ނެންގެވިދާނެ ހަމަ ވަރަށް ނުބައި މާނަ. ތިކަހަލަ މާނަ ނެންގެވޭނެ. ކުރީރޭ ރަސްދޫގައި ދެއްކި ވާހަކައެއް ކަންނެންގެ ތި އިޝާރާތް ކުރެއްވީ. މުޅި މައުޟޫގައި އަޅުގަނޑު ދެއްކެވި ވާހަކަ އަށް ބައްލަވާއިރުގައި އަޅުގަނޑު ދެއްކީ ކޮން ވާހަކައެއްކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. އެއީ ދިވެހި ރައްޔިތުންތަކެއް އެއީ މުސްލިމުން ނޫން ކަމަށް އިސްލާމުން ނޫން ކަމަށް ބާޔަން ކުރާ އެއްވެސް ވާހަކަ އެއް ނުދައްކަން އަޅުގަނޑެއް އެނގޭތޯ.ރައީސް ޑރ މުޙައްމަދު މުއިއްޒު
އެހެންނަމަވެސް،
ރައީސް އެ ރޭ ވަނީ ރާއްޖޭގެ މެޖޯރިޓީ ރައްޔިތުންގެ ވިސްނުން ހުރީ ޤައުމާއި ދީން
އިސް ކުރުމުގެ ވިސްނުމުގައިކަމަށް ވިދާޅުވެ، އެއީ ޕީއެންސީއަށް ވޯޓު ދިން
ރައްޔިތުންކަން ފާހަގަ ކުރައްވާފައެވެ. އަދި އިދިކޮޅު ފަރާތްތަކުގެ
މުޒާހަރާތަކުގައިވެސް ދީނީ މިންގަނޑުން ބޭރު އަހުލާޤީ މިންގަނޑުން ބޭރު އަމަލުތައް
ހިންގާތަން ފެންނަމުންދާކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް
ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް
ވިދާޅުވީ، އެކަމުގައިވެސް ނޫސްވެރިޔާއަށް މާނަ އޮޅިފައިވާ ކަމަށާއި، އެއްވެ އުޅުމާ
ގުޅޭގޮތުން ޤާނޫނުއަސާސީން ކަނޑައަޅާދީފައިވާ ޙައްޤުތަކެއް އެބައޮތް ކަމަށެވެ. އަދި
އެކަމުގައިވެސް ހުދޫދުތަކެއް ހިމެނޭކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެމްޑީޕީގެ
މުޒާހަރާގައި ހަޑިހުތުރު ބަސް ބޭނުންކޮށް، ހަޑިހުތުރު އަމަލު ހިންގަމުންދާ
ކަމަށެވެ. އަދި އެއީ ދީނާ ޚިލާފު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ޖުމުލަކޮށް
ރައީސް މި ވަނީ ޕީއެންސީއަށް ނިމިދިޔަ އިންތިޚާބުތަކުގައި ވޯޓު ނުދިނީ އިސްލާމް
ދީން އިސް ނުކުރާ މީހުންކަމަށް ދޭހަވާ މޭރުމުން ވާހަކަ ދެއްކެވުމަށްފަހު، އެ
ވާހަކަފުޅު ބަދަލު ކުރައްވާފައެވެ.