ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް އައްޔަނުކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓިއަށް ފޮނުވައިފި އެވެ. 

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީ އަށް ވަނީ ފޮނުވާފަ އެވެ. 

14 އޭޕްރީލް 2026 ގައި ރައީސް މުއިއްޒު ވަނީ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް ގެންނަވާފަ އެވެ. އެގޮތުން ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި، މިނިސްޓްރީތަކުގެ އަދަދު މަދުކޮށްފައިވެ އެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން  22 މިނިސްޓަރުން ހިމެނޭ، މިހާތަނަށް އެންމެ ބޮޑު ކެބިނެޓު އެކުލަވައި ލެއްވި އެވެ. ނަމަވެސް އެންމެ ފަހުން ގެންނެވި ބަދަލާއެކު ކެބިނެޓްގައި މިހާރު ތިއްބަވަނީ 15 ވަޒީރުންނެވެ. 

ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ މެންޑޭޓަށް އެއްވެސް ބަދަލެއް އައިސްފައި ނުވާތީ، އޭނާއަށް އަލުން ރުހުން ހޯދަން ނުޖެހޭނެ ކަމަށް ވަނީ ނިންމާފަ އެވެ. 

އާ ކެބިނެޓް އެކުލަވައިލެއްވިއިރު، ކުރިން ވަޒީރުކަމުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ އެހެން ވުޒާރާތަކަށް ބަދަލުކުރައްވާފަ އެވެ. އަދި މުޅިން އަލަށް ހަތަރު ބޭފުޅަކު ވަނީ ކެބިނެޓަށް އައްޔަނުކުރައްވާފަ އެވެ. އެ ބޭފުޅުންނަކީ ހީނާ ވަލީދު، ގީލާ އަލީ، އިރުތިޝާމް އާދަމް އަދި އަލީ ޝަރީފް އެވެ.

އައު ކެބިނެޓް ވަޒީރުން

  1. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އަލްފާޟިލް މޫސާ ޒަމީރު
  2. މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަލްފާޟިލް ޢަލީ އިޙްސާން
  3. މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ އިރުތިޝާމް އާދަމް
  4. މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ އިސްމާޢީލް ޝަފީޢު
  5. މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލާ ޤީލާ ޢަލީ
  6. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަލްފާޟިލް މުޙައްމަދު ސަޢީދު
  7. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
  8. މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އަލްފާޟިލް މުޙައްމަދު އަމީން
  9. މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަލްފާޟިލް ޢަބްދުﷲ ރާފިޢު
  10. މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލާ ހީނާ ވަލީދު
  11. މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް
  12. މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޢަލީ ޝަރީފް
  13. މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަލްފާޟިލް އަޙްމަދު ޝިޔާމް
  14. މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް އަލްފާޟިލް ޙަސަން ރަޝީދު
  15. އެޓަރނީ ޖެނެރަލް އަލްއުސްތާޛު އަހުމަދު އުޝާމް

ރައީސް އޮފީހުން ހާމަކުރި ގޮތުގައި، 20 ވަޒީރުން ތިއްބަވާ ކެބިނެޓުގެ ދެބައިކުޅަ އެއްބައި ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެ ގޮތުންނެވެ. މި ބަދަލުތަކަކީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އިތުރު ހަލުވިކަމެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެއް ކަމަށްވެސް އެ އޮފީހުން ބުނެފައިވެ އެވެ.