މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގައި ބޮޑެތި މުސާރަ ދޭ ސިޔާސީ  މަގާމުތަކެއްގައި ބަޔަކު ތިބިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ރައީސް މުއިއްޒު ވަނީ ސީދާ ސުވާލަށް ޖަވާބު ނުދެއްވައި، ކުންފުނިތައް އިސްލާހުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ޕާފޯމަންސްއާއި މަސައްކަތުގެ ފަރުވާތެރިކަމާއި، ވަޒީފާއަށް ގަޑިއަށް ނުކުތުމާއި ހާޒިރީއާއި އެ ނޫން ވެސް ކަންކަމަށް ބެލުމަށްފަހު މުވައްޒަފުން މަދު ކުރުމަށް އަންގާފައިވާ ކަމަށެވެ. 

ވަރަށް ގިނަ އިސްލާހީ ހެޔޮ ބަދަލުތަކެއް އަންނާނެކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ގާނޫނާ ގަވާއިދާ އެއްގޮތް ވާ ގޮތުގެ މަތީން ކުންފުނިތަކުގައި އޮންނަ އިޖުރާއަތްތާ އެއްގޮތަށް އެހުރިހާ ކަމެއް ކުރިއަށް ގެންދާނެ ކަމަށެވެ. 

އެމްއޭސީއެލް އެކަންޏެއް ނޫން. ޖުމްލަކޮށް ހުރިހާ އެސްއޯއީތަކުގައި ވެސް މުވައްޒަފުންގެ އަދަދު މަދު ކުރުމަށް މިހާރު އެއޮތީ ފިނޭންސް މިނިސްޓަރު ޕީސީބީއަށް އަންގާފައި. ޕަރފޯމަންސް ބޭސްޑްކޮށް ބައްލަވާފައި މަސައްކަތުގެ ފަރުވާ ތެރިކަން ހުރި މިންވަރާއި ނޫނިއްޔާމުން ވަޒީފާއަށް ގަޑިއަށް ނުކުމޭތޯ ހާޒިރިއާއި މިހުރިހާ ކަމަކަށް ބަލާފައި އަދި ކުންފުންނީގެ ހިންގުމަށް ބަލާފައި. މިހުރިހާ ކަމަކަށް ބަލާފައި މުވައްޒަފުންގެ އަދަދު މަދު ކުރުމަށް މިހާރު އެވަނީ އަންގާފައި. އަދި އޭއާ ގުޅިގެން ކުރަން ޖެހޭ މަސައްކަތް ކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު މަދު ކުރުމަށް މިހާރު އެ މަސައްކަތްތަކެއް ކުންފުނިތަކުގެ މެދުގައި ފެށިފައި. ވަރަށް ގިނަ އިސްލާހީ ހެޔޮ ބަދަލުތަކެއް އަންނާނެ. 
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ އެމްއޭސީއެލްގައި މަސައްކަތެއް ނެތި ބޮޑު މުސާރަ ދޭ 85 މުވައްޒަފުންގެ ނަން ހިމެނޭ ލިސްޓު ވެސް އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ. 

އަޅުގަނޑާ ހަމައަށް ތިޔަ ކަހަލަ ލިސްޓެއް ވެސް ނާދޭ. ޖުމްލަ ކޮށް ހުރިހާ އެސްއޯއީތަކަށް މިިހާރު ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އަންގާފައި މުވައްޒަފުންގެ އަދަދު މަދުކުރަން ތިން ބައި ކުޅަ އެއްބައި މަދު ކުރަން. ކުރެވެން ހުރި ހުރިހާ ތަނެއްގައި. މަދުކުރާއިރުގައި އެކަށީގެންވާ ވަރަށް މުސާރަ ލިބޭ ފަރާތްތައް ކަމުގައި ވިޔަސް މިދެންނެވިހެން ޕާފޯމަންސް ބޭސްޑް ކޮށް ތަނަށް ބޭނުން ނުކުރެވޭ މީހުން ކަމަށްވަންޏާ ތަނުގައި އޮންނަ މިންގަނޑުތަކާ ހިލާފަށް ހުރި ކަމެއް ވެއްޖެއްޔާ ހުރިހާ ކަމެއް ރަނގަޅު ކުރަން. ހުރިހާ އެސްއޯއީތަކުގެ ތެރޭގައި މިދެންނެވި މަސައްކަތް ހިނގާނެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު މިމޭރުން ވާހަކަފުޅު ދެއްކެވިއިރު، ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރެވޭނީ ސީދާ ރައީސްއަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ. އަދި އެކްސްގައި އާންމުކޮށްފައިވާ ލިސްޓުން އެނގޭ ގޮތުގައި އެމްއޭސީއެލް އިން 50،000 އިން ދަށުގެ އެކި ބޮޑު މުސާރަތައް ލިބޭ 85 މީހުން އެބަ ތިއްބެވެ. އޭގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިންނާއި ކުރީގެ މެންބަރުންނާއި ނޫސްވެރިއަކު ހިމެނެ އެވެ. އެ ލިސްޓާ އެކު އެތައް ބައެއްގެ ނުރުހުމާއި ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.