ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރުމަށް ނިންމާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފި އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ގާނޫނުގެ ކުރިމަތީގައި އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއް ކަމަށެވެ.  އަދި ގާނޫނުގެ ރައްކާތެރިކަމާ ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމަށް  ބަޔާން ކޮށްފައިވާ ކަމަށެވެ.

ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި ކޮންމެ ރައްޔިތަކަށް އެ މީހަކު އިހުތިޔާރު ކުރާ ވަޒީފާ އެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާ ކަން ކުއްލި މައްސަލައިގައި ފާހަގަ ކޮށްފައި ވެ އެވެ.

އޭގެ އިތުރުން ވާޒީފާ އާ ބެހޭ ގާނޫނު ގެ 21 ވަނަ މާއްދާގައި މުވައްޒަފެއްގެ މަސައްކަތުގެ ގާބިލުކަން ނުވަތަ އަޚުލާގީ މިންގަނޑު ރަނގަޅު ކުރުމަށް ފިޔަވަޅު ފިޔަވަޅު އެޅުމަށްފަހު ވެސް އޭނާ ގެ މަސައްކަތުގެ އަޚުލާގާއި ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަން ރަނގަޅުގޮތުގައި ހިންގުމާއި ގުޅިފައިވާ އޭނާ ގެ ޒިންމާ އަދާ ނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު އޭނާ ގެ ވަޒީފާ އިން ވަކިކޮށްގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަން ވެސް މައްސަލައިގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

އެ މައްސަލައިގައި ބުނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފައިވުމުން މިއީ ކުއްލިގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރުމަށް ނިންމި ނިންމުމެއް ކަމަށް ފާހަގަ ވާ ކަމަށެވެ. 

އޭގެ އިތުރުން ކޮންމެހެން ބޭނުން ނުޖެހޭ މިންވަރަށް ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން ނެގުމާއި، ސަރުކާރުން ދޭ މުސާރައާއި އިނާޔަތްތަކަށް އާބާދީގެ ބޮޑު ބައެއް ބަރޯސާވާން ޖެއްސުމަކީ ބަދަލުކުރަން ޖެހިފައިވާ ސިޔާސަތެއްކަން ގަބޫލު ކުރާ ކަމަށް ވެސް މައްސަލަ ހުށަހަޅުއްވަމުން މެންބަރު ވިދާޅުވި އެވެ. 

ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ބޭރު ކޮށްލާފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. 

ކުއްލި މައްސަލައިގައި ވަނީ ސަރުކާރުން މި ކަން ކުރަން އުޅޭ ގޮތުން މި ކަމުގައި ކަންބޮޑުވާ ސަބަބުތައް ވެސް ފާހަގަ ކޮށްފަ އެވެ.  އެގޮތުން މިއީ އެއްވެސް ޕްލޭނެއް އަދި ހަރުދަނާ ސިޔާސަތެއް ނެތި ކުއްލިއަކަށް ކުރަން އުޅޭ ކަމެއް ކަން ފާހަގަ ކޮށްފައިވެ އެވެ. 

އޭގެ އިތުރުން އެ މުވައްޒަފުން ވަކިކުރަނީ ވަޒީފާއާ ބެހޭ ގާނޫނުގައި ލާޒިމުކުރާ ފަދަ އެކަށީގެންވާ ސަބަބަކާލައިގެން ނޫންކަމަށް ވެސް ބުނެފައިވެ އެވެ. 

ކުއްލި މައްސަލައިގައި ބުނީ ޚަރަދުތައް ކުޑަކުރުމަށްޓަކައި ކުރާ ކަމެއް ނަމަ އެންމެ ފުރަތަމަ ފަށަން ވާނީ އާދައިގެ މުވައްޒަފުންނާ ހިސާބުން ނޫންކަމާ ދައުލަތުގެ ފައިސާ އެއްވެސް ހައްދެއް ނެތި އިސްރާފުކުރުމަށް ހިންގާ ކަންކަން ހުއްޓައިލުމުން ޚަރަދު ކުޑަވާނެ ކަން އެނގޭއިރު ވެސް އެ ފަދަ ކަންކަން ހުއްޓައިލުމެއްނެތި ރައްޔިތުންނަށް ބުރައަކަށް ވާގޮތަށް ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ރާވާފައިވާކަން ހާމަވާ ކަމަށެވެ.