އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒް އިސްމާއިލް އަށް ތާއީދު ކުރެއްވުމަށާއި، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފި އެވެ.

ނަޝީދު އެކަން ހާމަކުރެއްވީ ބޮޑުބަދަލުގެ ނަމުގައި އާދިއްތަ ދުވަހު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބާއި ގުޅުން ހުރި ކަންކަމަކީ 2028 ވަނަ އަހަރު ނިންމަން ޖެހޭ ކަންކަމެއް ނޫން ކަަމަށާއި އެއަށް ވުރެ ކުރިން އެކަމަށް ގޮތް ނިންމަން ޖެހޭ ކަމަށެވެ. އަދި ޕާޓީގެ ޗެއަރޕަރސަންގެ މަޤާމަށް ކުރިމަތިލައްވަން ނިންމެވީ އެ މަސައްކަތް އެންމެ ރަނގަޅަށް ކުރެއްވޭނީ އެ މަނިކުފާނަށް ކަމަށް ޤަބޫލުކުރައްވާތީ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ގެންނަން ޖެހޭ ބޮޑެތި ބަދަލުތައް ގެނައުމުގައި ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ފައްޔާޒް ގެނައުމަކީ ބޭނުންފުޅުވާ ގޮތް ކަމަށް ހާމަކުރައްވާ ރައީސް ނަޝީދު ވަނީ އެ އަމާޒަށް ވާސިލްވުމަށްޓަކާ މިހާރުން ފެށިގެން މަސައްކަތް ކުރަމުންދާނެ ކަމަށް ވިދާޅުވެފަ އެވެ. ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެއް މޭޒެއްގެ ދޮށުގައި މަސައްކަތް ކުރުމާއި، ސީދާ ހަރަކާތް ވެސް ހިމެނިގެން ދާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ނޫސްވެރިން ވަނީ މީގެ ކުރިން ޒުވާނުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށް އެ ދެ ބޭފުޅުން ވެސް ފާހަގަކުރައްވާފައިވާތީ އެ ކަމާއި މެދު ސުވާލުކޮށްފަ އެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން  ނަޝީދު އާއި ފައްޔާޒް އާއި ދެ ބޭފުޅުން ވަނީ ޕާޓީ އަށް ބޭނުން ވަނީ  ޕާޓީގެ އޮތް ނުތަނަވަސްކަމާއި އެކުގައި ކުރިއަށް ދެވޭނެ ބޭފުޅެއް ކަމަށާއި އެ ބޭފުޅަކީ ރައީސް ނަޝީދު ކަމަށް ވަކާލާތުކުރައްވާފަ އެވެ.

މީގެ އިތުރުން، ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށްގެން އާއްމުން އެދޭ ބަދަލު ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ރައީސް ނަޝީދު ވަނީ 2028 ޖެހުމުން ބަދަލުތައް ގެނައުމަށް މަސައްކަތް ކުރުމަކީ ރައްޔިތުން ދަންތުރައެއްގައި ޖެއްސުން ކަމަށާއި އެކަން ދެން ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.