އެމްޑީޕީ
ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަހުމަދު މައިމޫން މުހައްމަދު ޝަރުތުތަކާއެކު
ބަންދުން ދޫކޮށްލައިފިއެވެ.

މައިމޫނު
ހައްޔަރުކުރީ ހޮނިހިރު ދުވަހުގެރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ
ތެރެއިންނެވެ. އޭނާ ހައްޔަރުކުރީ ބިޑި އަޅުވައިގެންނެވެ.

އޭނާ ގެ
އިތުރުން، އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު އިބްރާހިމް ރަޝީދު ހަސަން (ވާވާ)
ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

މައިމޫނު
ދޫކޮށްލާފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ދޫކޮށްލީ 4
ޝަރުތެއް ކޮށްފައެވެ. އޭގެ ތެރޭގައި ތަހުގީގަށް އެއްބާރުލުން ދިނުމާއި، މައްސަލައާ
ގުޅުންހުރި ފަރާތްތަކާ މުއާމަލާތު ނުކުރުމާއި، ފޯނު ނަންބަރާއި އެޑްރެސް ބަދަލުވެއްޖެނަމަ
އެންގުމާއި، މާލެ ސަރަޙައްދުން ދާނަމަ ފުލުހުންނަށް އެކަން އެންގުން ހިމެނެއެވެ.

ފުލުހުން
މައިމޫން ހައްޔަރު ކުރުމުގެ ތެރޭގައި އޭނާ ގެ ބޮލުން 4 އިންޗިއެއްހާތަން ފަޅައިގެން
ގޮސްފައިވާ ކަމަށް  އެމްޑީޕީގެ ޤާނޫނީ ޓީމުން މައުލޫމާތު
ދީފައިވެއެވެ. އެގޮތުން މުޒާހަރާ އިން ހައްޔަރު ކުރި މީހުން ހައްޔަރު ކުރީ
ހާލަތާއި ނުބައްދަލު މިިންވަރަށް ބާރުގެ ބޭނުން ކޮށްގެން ކަމަށް ވަނީ މައުލޫމާތު
ލިބިފައެވެ.

ރާއްޖެއެމްވީއަށް ލިބިފައިވާ ފޮޓޯތަކަށް ބަލާއިރު، މައިމޫނުގެ ނިތްކުރި ފަޅައިގެންގޮސް ލޭ އައިސްފައިވާ މަންޒަރު ފެންނަން ހުއްޓެވެ.