ދެވަނަ ބުރުގެ ނަތީޖާއިންވެސް އެމްޑީޕީއަށް ލިބުނީ
ބޮޑު ކާމިޔާބީއެއް ކަމަށާއި، ދެން އޮތީ ސަރުކާރު ހަމަމަގަށް އެޅުވުންކަމަށް
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
އިންތިޚާބުގެ ދެވަނަ ބުރު ކުރިއަށް
ގެންގޮސްފައިވަނީ ކައުންސިލްގެ ދެ ގޮނޑިއަކަށާއި، އަންހެނުންގެ ތަރައްގީއަށް
މަސައްކަތްކުރާ ކޮމިޓީގެ ތިން ގޮނޑިއަކަށް މެމްބަރުން ނެގުމަށެވެ.
އެއީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް
ހާއްސަކޮށްފައިވާ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށާއި، ފުވައްމުލައް ސިޓީ ދަޑިމަގު
ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމެވެ.
އޭގެ ތެރެއިން ކައުންސިލުގެ ދެ ގޮނޑިއަށް ބަލާއިރު،
އެމްޑީޕީގެ ކެނޑިޑޭޓަކު ދޮންފަނުގެ ގޮނޑި ވަނީ ކާމިޔާބު ކޮށްފައެވެ. އަދި ފުވައްމުލަކު
ގޮނޑިވެސް ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީން ތާއީދުކުރި އަމިއްލަ ކެނޑިޑޭޓެވެ.
މި އިންތިޚާބުތަކާ ގުޅޭގޮތުން ރާއްޖެއެމްވީއާ
ވާހަކަ ދައްކަވަމުން ގަޕޯ ވިދާޅުވީ، ކައުންސިލަށް މެމްބަރުން ނެގުމަށް ނެގުނު ދެ
ވޯޓުގައިވެސް ސަރުކާރު ހިންގާ ޕާޓީއަށް ނާކާމިޔާބުވެފައިވާ ކަމަށެވެ. އެގޮތުން
ދޮންފަނު ކައުންސިލު ގޮނޑި އެމްޑީޕީއަށް ލިބިފައިވާއިރު، ފުވައްމުލައް ސިޓީ ދަޑިމަގު
ދާއިރާގެ މެންބަރުގެ ގޮނޑި ކާމިޔާބު ކުރެއްވި އަމިއްލަ ކެންޑިޑޭޓަކީވެސް
އެމްޑީޕީން ތާއީދުކުރި ކެންޑިޑޭޓުކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އެހެންކަމުން ޖުމުލަ ގޮތެއްގައި މި އިންތިޚާބުން ލިބިފައިވަނީ
ބޮޑު ކާމިޔާބީއެއްކަން ފާހަގަ ކުރައްވައި ގަޕޯ ވަނީ އެމްޑީޕީގެ ހުރިހާ
މެމްބަރުންނަށް ޝުކުރު ދަންނަވައި މަރުޙަބާ ދަންނަވާފަ އެވެ.
ގަޕޯ ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން ތިބީ
ގަދަކޮށް ކަމަށާއި، ސަރުކާރު ހަމަމަގަށް އެޅުވުމަށް ކުރާ މަސައްކަތްތައް
މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ. އަދި ރައްޔިތުން އެދުނު ގޮތަށް ކަންކަން ކޮށްދިނުމުގައި
އެމްޑީޕީން ދެމި އޮންނާނެ ކަމުގެ ޔަޤީންކަންވެސް އޭނާ ދެއްވި އެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްގީ އަށް
މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދިޔައީ ހއ.
ކެލާ ކޮމިޓީގެ ރައީސްގެ މަގާމަށާއި، ހދ. ނޭކުރެންދޫގެ އިތުރުން ލ. މާވަށު ކޮމިޓީގެ
މެންބަރުކަމުގެ މަގާމަށެވެ. އެ 3 ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފައިވަނީ ވަރަށް ކުޑަ ތަފާތަކުންނެވެ.