ޅ. އަތޮޅު ފަޅު ރަށަކުން ފެނުނު ކިނބުލެއް ސިފައިންނާ ހަވާލުކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ، ޅ. އަތޮޅުގެ ފަޅުރަށުން ފެނުނު ކިނބުލެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ޅ. ނައިފަރުގެ ޕޮލިސް ސްޓޭޝަންގެ ފަރާތުން ހޮނިހިރު ދުވަހުގެ ހެނދުނު 10:51 ހާއިރު އެވެ.
އެމްއެންޑީއެފުން ބުނީ، ދިގު މިނުގައި 5 ފޫޓް ހުރި މި ކިނބޫ ފެނިފައިވަނީ، ޑިންގީއެއްގައި ޅ. އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅުރަށަށް ދިޔަ ބަޔަކަށް ހޮނިހިރު ދުވަހުގެ ހެނދުނު 07:00 ހާއިރު ކަމަށެވެ. ކިނބޫ ފެނުމުން އެމީހުން ކިނބޫ ހިފައި ނައިފަރަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ނައިފަރަށް ގޮސް، އެ ކިނބޫ ވަނީ ޅ. މާފިލާފުއްޓަށް ގެނެސްފައި ކަމަށެވެ.
އިރުވައި މޫސުމުގައި އޮޔާއި ވައި ހުންނަ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކިނބޫ ފެންނަމުންދެ އެވެ. މިގޮތަށް ފެންނަ ކިނބޫތައް އާއްމުކޮށް ރާއްޖެއިން ބޭރަށް ދޫކޮށްލަ އެވެ.