ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހއ. ހޯރުފުށީގެ ތަރައްގީއަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ''ޖަމަލު ފޮޑިއަށް ބަދަލުވެފައިވާ ކަމަށާއި، މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ތިން އިންތިޚާބާ ދިމާކޮށް އާދަޔާ ހިލާފު ގޮތަކަށް ބިން ހިއްކުމުގެ މަޝްރޫއު ވެސް ފެށި ކަމަށް އެރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަހީދު ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

ވަހީދު ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ތިން އިންތިޚާބާ ދިމާކޮށް މުޅި ރާއްޖޭގައި އާދަޔާ ހިލާފު ކަންކަން ހިނގި ގޮތަށް އެރަށުގައި ވެސް ގިނަ ކަންކަން ކުރިއަށް ގެންދިޔަ ކަމަށެވެ.

އެގޮތުން އެންމެ އާދަޔާ ހިލާފު ގޮތަކަށް ކުރިއަށް ގެންދިޔައީ ބިން ހިއްކުމުގެ މަޝްރޫއު ކަމަށާއި، މިހާރު އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މި އިންތިޚާބުގައި ހިނގި އެންމެ އާދަޔާ ހިލާފު ކަންތަން ދަންނަވަންތޯ.  ހޯރަފުށީގެ ބިން ހިއްކުމުގެ ވާހަކަ. އަޅުގަނޑު އޭރު ވެސް ދެންނެވިން ހުޅަނގު ފަރާތުގައި އޭރު ވެސް ހައިމާކު ގެންގޮސްފައި ހާކާލާފައި ނުބަޗައްޗޭ. ހަމައެހެންމެ ބަންކަރަންގެ ޚިދުމަތަށް ހެދި ގޮތަށް  ރައްޔިތުންނަށް އޮޅުވާލުމެއްގެ ތެރެއިން ބިން ހިއްކަނީ އޭ ކިޔާފައި ނުފަށައްޗޭ.  މިއަދު ވެސް އަޅުގަނޑުމެންނަށް ފެނޭ  އެސަރަހައްދުގައި ވެލި ބަސްތާތަކެއް ޖަހާފައި  ޕްރޮޖެކްޓްގެ ބޯޑު އެތަނުގައި ބަހައްޓާފައި ހުރިތަން. އޭރު އަޅުގަނޑުމެން އުންމީދު ކުރީ ހަމަ ދެންމެ ދެންމެ ފަށާފާނެހެން.  އެހެންނަމަވެސް މިއަދުގެ ހާލަތަކީ އެ ބަސްތާތަށް އެތަނުގައި ބެހެއްޓި ގޮތަށް ހުރީ. އެހެންނަމަވެސް އަޅުގަނޑުމެން މިކައުންސިލްގައި ބާކީ މިއޮތް ދުވަސްތަކުގައި ވެސް ހަމަ ސަރުކާރަށް ރީތި ގޮތުގައި ޕްރެޝަރ ކުރާނަން މި ދަންނަވާ ތަރައްގީގެ މަޝްރޫއުތައް ވީހާ ވެސް އަވަހަށް ފެށުމަށްޓަކައި. 
ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަހީދު

މީގެ އިތުރުން ވަހީދު ވިދާޅުވީ 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ރަށު ތަރައްގީ އަށް ރައީސް މުއިއްޒު ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި ކަމަށެވެ.

އެގޮތުން އައު އައިސްޕްލާންޓެއް ގާއިމް ކުރުމާއި، ޒަމާނީ ބަށިކޯޓު، ވޯޓަރސްޕޯޓް ސެންޓަރުގެ އިތުރުން ފިޒިޔޮތެރަޕީ ސެންޓަރެއް ގާއިމް ކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ކުރީ ސަރުކާރުގެ މަޝްރޫއުތަކާއެކު، ހުރިހާ ވައުދެއް ޖަމަލު ފޮޑިއަށް ވެފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ.