ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި އެވެ. 

އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނީ، މި ދެ އިންތިޚާބުގެ ދެވަނަ ބުުރުގެ ވޯޓުލުން ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ގައި ފަށާފައިވާ ކަމަށާއި، ހަވީރު 4:00އާ ހަމައަށް ކުރިއަށްދާ ކަމަށެވެ. 

އިންތިޚާބުގެ ދެވަނަ ބުރު ކުރިއަށްދާނީ ކައުންސިލްގެ ދެ ގޮނޑިއަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިން ގޮނޑިއަކަށެވެ. 

އެއީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަގާމަށާއި، ހދ. ނޭކުރެންދޫގެ އިތުރުން ލ. މާވަށު ކޮމިޓީގެ މެންބަރުކަމުގެ މަގާމަށެވެ.

އީސީން ބުނީ، މި އިންތިޚާބުގެ ވޯޓުލުން އެ ދާއިރާތަކަށް ނިސްބަތްވާ ރަށްރަށާއި ސިޓީތަކުގެ އިތުރުން މާލެ ސިޓީގައި ކުރިއަށްދާ ކަމަށެވެ. އަދި މި އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް 14 ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު، ކެލާ، މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގައި ކޮންމެ ތަނެއްގައި 2 ފޮށި އަދި ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި 1 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. 

މި އިންތިޚާބުތަކުގައި ވޯޓުލުމަށް ރަޖިސްޓަރކޮށްފައި ވަނީ 6093 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 2901 އަންހެނުންނާއި 3192 ފިރިހެނުންނެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ އެންމެން ވެސް އެ ހައްގު އަދާ ކުރުމަށް އީސީން އިލްތިމާސްކޮށްފައިވެ އެވެ.