މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އިން މާލޭގައި މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިއަ މުޒާހަރާ އަށް ވެސް ފުލުހުން ހުރަސްއަޅައިފި އެވެ.
މުޒާހަރާ ފެށުމުގެ ކުރިން ވެސް ފުލުހުން ވަނީ އެމްޑީޕީ ހަރުގެ ހުންނަ ސަރަހައްދުގައި ހަރަކާތްތެރިވެފަ އެވެ. އެގޮތުން ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެފައިވާ އިރު މުޒާހަރާގެ ބައިވެރިން ކުރިއަށް ދާން މަސައްކަތް ކުރި ކޮންމެ ފަހަރަކު ފުލުހުން ވަނީ ބެރިކޭޑް ޖަހައި، މުޒާހަރާގެ މީހުންނާ ކުރިމަތިލައި ހުއްޓުވާފަ އެވެ.
މުޒާހަރާގެ ބައިވެރިން އެކި މަގުތަކުގައި މަޑުކުރަމުން މުޒާހަރާ ކުރިއަށް ގެންގޮސްފައިވާއިރު ޖަނަވަރީ މަގުން މަޖީދީ މަގަށް ނުކުންނަށް މުޒާހަރާގެ ބައިވެރިން ދިއަ ވަގުތު ފުލުހަކު ވަނީ މުޒާހަރާގައި އެމްޑީޕީ އިން ގެންގުޅުނު މެގަފޯނަށް ވެސް ގެއްލުން ދީފަ އެވެ.
އެ ފުލުސް މީހާ ވަނީ މެގަފޯނު ހިފައިގެން ހުރި މުޒާހަރާގެ ބައިވެރިޔާ އަށް ހަމަލާދީ މެގަފޯނު އަތުލަން މަސައްކަތް ކޮށްފަ އެވެ. މިއާއެކު މުޒާހަރާގެ ބައިވެރިންނާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، ބައެއް މުޒާހަރާގެ ބައިވެރިންނަށް އަނިޔާވެސް ވެފައި ވެ އެވެ.
އެ ފުލުސް މީހާ އަށް އެހެން ފުލުހުންގެ ފަރާތުން އެކަމަށް އެއްބާރުލުން ލިބިފައިނުވާއިރު އޭނާ ވަނީ އިރުކޮޅެއް ފަހުން އެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ.
އެކިއެކި ޝުއޫރުތައް ފާޅު ކޮށްފައިވާ ޕްލެކާޑްތައް މުޒާހަރާގެ ބައިވެރިން އުފުލާފައިވާއިރު، އަޑު އަހަރުކޮށް ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވަމުން މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ، ސަރުކާރުން އިސްނަގައިގެން މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ރިފަރެންޑަމް ވޯޓުގައި ސަރުކާރަށް ލިބިފައިވަނީ އެންމެ 30 އިންސައްތަ ވޯޓު ކަމަށާއި، ސަރުކާރުގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
އެމްޑީޕީ އިން މިހާރު ކުރަމުންދާ މުޒާހަރާތަކުގައި ގައުމު ހަމަ މަގަށް އެޅުވުމަށް ސަރުކާރަށް 12 ޑިމާންޑެއް ވަނީ ހުށަހަޅާފަ އެވެ.