މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ބޭނުންކުރުމުގެ އިތުރުން، ޖުވާކުޅުންފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުން ބުނީ މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މިފަދަ ކަންކަން ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، 2026 އޭޕްރީލް 16 ވަނަ ދުވަހު އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. 

މި މައްސަލައާ ގުޅިގެން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޖުމްލަ 38 ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެމީހުން، އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ޑީޕޯޓްކުރުމަށް ޓަކައި، މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

މިފަދަ މައްސަލަތަކުގައި ބިދޭސީން ހައްޔަރު ކޮށް ޑީޕޯޓް ކުރެވޭ މިންވަރު އިތުރުވެފައިވާއިރު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ދެމަފިރިއަކު ބުރާސްފަތި ދުވަހު ހައްޔަރުކޮށް ބަންދު ކޮށްފައި ވެ އެވެ. 

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކޮށް ބަންދު ކުރި އިންޑިއާގެ ދެމަފިރިން ކަމަށްވާ ކްރިސް އެމްބްރޯސިޔާ (27އ) އަދި އިމްރާން ޕާޝާ (33އ) ގެ މައްޗަށް ކުރަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް ވިޔަފާރިކޮށް ޓްރެފިކްކުރުމުގެ ތުހުމަތެވެ. ދެމީހުންގެ ބަންދަށް ވެސް ދީފައިވަނީ 30 ދުވަހެވެ. 

ބަންދު އަމުރުގައި ބުނެފައި ވަނީ މި ދެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. މައްސަލައިގައި ފެނިފައިވާ ލަގެޖުން މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނުނުކަމާމެދު ދިފާޢުން ސުވާލު އުފައްދާފައި ނުވެއެވެ. އަދި މި މައްސަލައިގައި އިމްރާން ގެނައި ލަގެޖުގައި މަސްތުވާތަކެތި ހުރިކަން އެނގެ އެވެ. އަދި މި ދެމީހުންނާ ގުޅޭ ގޮތުން ފުލުހުންގެ ފަރާތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް ފޯމާއި ސީންއަށްދިޔަ ފުލުހެއްގެ ބަޔާނާއި ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓް ހެކީގެ ގޮތުގައި ހުށަހަޅައިފައިވެ އެވެ.

ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއްގެ ގޮތުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއާތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ އާއި، 60 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ދެމީހުން ބަންދުން ދޫކޮށްލައިފި ނަމަ ފިލާފާނެކަމުގެ އިޙްތިމާލު އޮތުމުންނާއި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުގައި ބައިތިއްބަން ޖެހޭކަމަށް ދެކޭ ކަމަށެވެ.