ލ. މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރަކު ހޮވުމަށް ހޮނިހިރު ދުވަހު ބާއްވާ ދެވަނަ ބުރުގެ އިންތިޚާބުގައި ވޯޓުލާން ނުދިޔުމަށް އެ ރަށު ފެނަކަ އޮފީހުގެ 12 މުވައްޒަފަކަށް އެ އޮފީހުގެ ޑެޕިއުޓީ މެނޭޖަރ އަބޫބަކުރު އަހުމަދު އެންގި ކަން ހާމަވެއްޖެ އެވެ.

މާވަށު ފެނަކަ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފަކު ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބުނީ، ހޮނިހިރު ދުވަހު ނަގާ ވޯޓުގައި ބައިވެރިނުވުމަށް  12 މުވައްޒަފަކަށް އެންގީ ހުކުރު ދުވަހުގެ މެންދުރު ފަހުން ފެށިގެން ކޮންމެ މުވައްޒަފަކު ވަކިން އޮފީހަށް ގެންގޮސް ބައްދަލުކުރުމަށްފަހު ކަމަށެވެ.

މުވައްޒަފުންނާ ބައްދަލުކުރީ އެ ރަށު ފެނަކަ އޮފީހުގެ ޑެޕިއުޓީ މެނޭޖަރ އަބޫބަކުރު އަހުމަދާއި، އެސިސްޓެންޓް މެނޭޖަރ އާދަމް އަބްދުއްރަހްމާނާއި، ސުޕަވައިޒަރ އަބްދުލް އަޒީޒް މޫސާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. މި ބައްދަލުވުމަށް މުވައްޒަފުން ވައްދާފައި ވަނީ ފޯނު ބޭރުގައި ބޭއްވުމަށް ފަހުގައި ކަމަށް ވެސް ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވެ އެވެ.

12 މުވައްޒަފުންގެ އިތުރުން، އެމީހުންގެ އަނބިދަރިން ވެސް ވޯޓުލާން ނުފޮނުވުމަށް ބައްދަލުވުމުގައި އެންގިކަމަށާއި، އަދި އެގޮތަށް އެންގީ ފެނަކަ ހެޑް އޮފީހުން އަންގައިގެން ކަމަށް އެ ރަށު ފެނަކަ އޮފީހާއި ހަވާލުވެ ހުރި އަބޫބަކުރު އަހުމަދު ބުނެފައިވާކަމަށް މުވައްޒަފު ބުނެފައިވެ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި 12 މުވައްޒަފުންނަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކަ އާއި ގުޅިފައިވާ މުވައްޒަފުންނެވެ. ނަމަވެސް މިފަހަރުގެ އިންތިޚާބުގައި ވެސް މީގެން އެއްވެސް މުވައްޒަފަކު ސަރުކާރާ އިދިކޮޅު އެއްވެސް ހަރަކާތެއްގައި ބައިވެރިނުވާކަން ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވެ އެވެ.

 މިކަން ހިނގާފައި މިވަނީ ދިވެހިރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި ވޯޓުލުމުގެ މިނިވަންކަމާއި ބެހޭ ގޮތުން ސުވާލު އުފެދޭ ދަނޑިވަޅެއްގަ އެވެ. މިއީ ސީދާ ގޮތެއްގައި ވޯޓަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހިންގާ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، އެއްވަރުވުމުގެ ސަބަބުން ނުވަތަ އެ ނޫންވެސް ސަބަބަކާ ހުރެ ދެވަނަ ބުރަކަށް ދާންޖެހުނު ދާއިރާތަކުގެ ވޯޓުލުން އޮންނާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 16:00 އާ ހަމައަށެވެ.