އުތުރުގެ ރަށެއްގައި އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާ އަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެފަދަ އަމަލެއް ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
މި މައްސަލަ ހުކުރު ދުވަހު 13:10 ކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުންޏެވެ. މި މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ ކަމަށް އެ މުއައްސަސާ އިން ބުންޏެވެ.
މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ އެ ހާދިސާ ހިނގި ރަށުގެ މީހަކު އެ މަންޒަރު ފެންނަ ވީޑިއޯ ތަކެއް ނަގާ ސޯޝަލް މީޑިއާގައި އާންމުކުރުމުންނެވެ. އެ މީހާ ވަނީ ހުކުރަށް ދިޔަ މަގުމަތީ އެ މަންޒަރު ފެނުމުން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ވީޑިއޯ ނަގާ ހިއްސާކުރީ ކަމަށް ބުނެފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯގައި ފެންނަނީ ކުޑަ އަންހެން ކުއްޖެއްގެ ދެ އަތް ބަނދެ ގަހެއްގައި ވާގަނޑެއް ޖަހައި އައްސާފައި ހުންނަތަނެވެ. އެ ވީޑިއޯގައި ކުޑަ އަންހެން ކުއްޖަކު ގަހަކާ ލައި އަތް ބަނދެފައިވާއިރު، ސަލާމަތްވެވޭތޯ އެ ކުއްޖާ މަސައްކަތްކުރާ މަންޒަރު ވެސް ފެނެ އެވެ. ވީޑިއޯގައި ހުތުބާ ކިޔާ އަޑު އިވެ އެވެ. ބެލެވޭ ގޮތުގައި އެކަން ހިނގީ މިއަދު ހުކުރު ވަގުތު އެވެ.
މި މައްސަލަ ފުލުހުން ދަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.