ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި  ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުުރުގެ ވޯޓުލުން ކުރިއަށް ދާނީ މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 އާއި ހަމައަށެވެ. އެހެންކަމުން ހުކުރު ދުވަހުގެ އިރުއޮއްސި 6:00 ޖެހުމުން ފެށިގެން އާދިއްތަ ދުވަހު ހެނދުނު 6:00 އާއި ހަމަ އަށް ކެމްޕެއިން ކުރުމަކީ މަނާކަމެއްކަން އެ ކޮމިޝަނުން ވަނީ ހަނދާން ކޮށްދީފަ އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން އެ ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ނިމިދިޔަ ބުރާސްފަތި ދުވަހު އެ އިންތިޚާބުގެ އޮފިޝަލުންނަށް ދޭން ޖެހޭ އެންމެ ފަހުގެ ތަމްރީންތައް ދީފައިވާ ކަަމަށެވެ. އަދި ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާ 5 ދާއިރާގެ ވޯޓު ކަރުދާހާއި ވޯޓުލުމަށް ބޭނުންވާ ހުރިހާ އިންތިޒާމެއް ވަނީ ހަމަޖެހިފައި ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައި ވެ އެވެ.

އެހެން ފަހަރުތަކުގައި ހުޅުމާލޭގައި ވެސް ދެވަނަ ބުރުގެ ވޯޓުލުން ބޭއްވި ނަމަވެސް މި ފަހަރުގެ އިންތިޚާބުގައި ދެ ވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރ ވުމުގެ ފުރުސަތު ހުޅުވާލީ ދެ ވަނަ ބުރުގެ ވޯޓުލާ ރަށްރަށާއި، މާލޭގައި އެކަންޏެވެ. ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދާ ދާއިރާތަކަކީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރގެ ގޮނޑި އާއި، ހއ. ކެލާ ކޮމިޓީގެ ރައީސް، ހދ.ނޭކުރެންދޫ އަދި ލ.މާވަށު ކޮމިޓީގެ ދެ ވަނަ ބުރުގެ ވޯޓެވެ.

މި އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް 14 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ ތެރޭގައި ހިމެނެނީ ކެލާ، މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގައި ކޮންމެ ތަނެއްގައި 2 ފޮށި އަދި ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި 1 ވޯޓު ފޮށްޓެވެ.

މި އިންތިޚާބުތަކުގައި ވޯޓުލުމަށް ރަޖިސްޓަރކޮށްފައި ވަނީ 6093 މީހުންނެވެ.