ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް އޮތް ނަމަވެސް، ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި ސަރުކާރުން އިސްކަންދެނީ ސިޔާސީ ބަދަލުހިފުމަށާއި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމަށް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެންބަރު ކުޑޫ ވިދާޅުވީ، މަޖިލީހުގެ 85 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތެއް ސަރުކާރަށް އޮތްއިރުވެސް، ފެންނަނީ ރައްޔިތުންނަށް މުހިންމު ކަންކަމުގައި އިދިކޮޅުން ހުށަހަޅާ ކަންކަން ބޭރުކޮށްލާ މަންޒަރު ކަމަށެވެ.

މެންބަރު ކުޑޫ ވިދާޅުވީ، ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ މުހިންމު މައުޟޫއަށް މަޖިލީހުގެ ކޮމިޓީގައި ވާހަކަދެއްކެވުމުން ވެސް، ސަރުކާރު މެންބަރުން މަސައްކަތް ކުރެއްވީ އެކަން ދިގުދަންމާލުމަށް ކަމަށެވެ. އަދި އިދިކޮޅު މެންބަރުން ހުށަހަޅާ ބިލްތަކާއި އިސްލާހުތައް ފޭލްކޮށްލުމަށްފަހު، ހަމަ އެ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ފަހުން ހުށަހަޅާ އުސޫލެއް ގެންގުޅޭކަން އޭނާ ފާހަގަކުރެއްވި އެވެ. ސަރުކާރު މެންބަރުންގެ ފަރާތުން ފެންނަނީ ކޮންމެ ދުވަހަކު އިދިކޮޅު މެންބަރުންނާ ދިމާލަށް އެއްޗެހި ކިޔުން ފިޔަވައި އިތުރު ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

85 މެންބަރުން އެ ތިއްބަވަނީ، ކޮންމެ ދުވަހަކު އެތިބެނީ އަޅުގަނޑުމެންނާ ދިމާލަށް ކޮންމެވެސް އެއްޗެއް ކިޔާލަ ކިޔާލާ. ކަމަކަށް ވާކަހަލަ ކަމެއް ކުރަންވީނޫންތޯ؟ ކިޑްނީ ޓްރާންސްޕްލާންޓްކުރުމުގެ ވާހަކަ އަޅުގަނޑު މިއަދު ވެސް މިއީ މަޖިލީހުގެ ކޮމިޓީއަށް ވާހަކަދައްކާފަ. އަޅުގަނޑުމެން އެއް މަސްދުވަހު؛ އެންމެ ދުވަހަކު ރޯދަމަހު ޖަލްސާ ބޭއްވީ. މި އެ ބޭފުޅުން ކުރައްވަންޖެހޭ ކަމެއް ނޫންތޯ. އަޅުގަނޑު ބުނިން އަޅުގަނޑުމެން ނުދޭނަމޭ ވޯޓަށް ތިހެން އެއްޗެހި ދަމާކަށް ނުކުރެވޭނޭ މިތާ މިކަން ކުރަންޖެހޭނީ. އެ ބޭފުޅުން އަނެއްކާވެސް މެޖޯރިޓީ ނެގީ. މިއީ އޭތި އަނެއްކާވެސް ގަވާއިދު ދަމާލަން. އަނެއްކާވެސް ގަވާއިދު ދަމާލަން. އަޅުގަނޑުމެން މީޓިންއެއް ނިމޭ ފަސް މިނެޓު ތެރޭގައި އިޖްތިމާއީ ކޮމިޓީގައި. ކޮމިޓީއށް އަންނަނީ ފައިސާ ހޯދުމަށްޓަކައި. މި ނޫން ކަމެއް އަޅުގަނޑުމެންނަށް ނުކުރެވޭ. ރައްޔިތުން އަޅުގަނޑަކަށް ހިއެއްނުވޭ މި ހުރިހާ ކަމެއް ރައްޔިތުން ބަލާކަން މިއަދު ވެސް މި އޮތީ ފެންނަން. އަޅުގަނޑުމެންނާއި ދިމާލަށް އެއްޗެހި ކިޔުން ނޫން ކަމެއް ނުކުރޭނުތޯ. ކަމަކަމަށްވާ ކަމެއް.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ދައުލަތުގެ ކުންފުނިތަކުގެ ހާލަތަށް އަލިއަޅުވާލައްވަމުން ކުޑޫ ވިދާޅުވީ، ފެނަކަ އާއި އެމްޓީސީސީ އަދި އެމްޕީއެލް ފަދަ ކުންފުނިތަކުން ފެންނަނީ ކޮރަޕްޝަނާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ އަމަލުތައް ކަމަށެވެ. އެގޮތުން އެމްޕީއެލްގައި ކޮންޓެއިނަރުތައް ނުބޭލި މަސްދުވަސް ވެފައިވާ ކަމަށާއި، އެމްޓީސީސީގެ ހާލަތު ވެސް އޮތީ ވަރަށް ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ޓެކްސީ އެޕްލިކޭޝަނެއް ފަދަ އާދައިގެ ކަމެއްވެސް ސަރުކާރަށް ރަނގަޅަށް ކުރެވިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޓެކްސީތަކެއް ގެނެސްގެން ތި އުޅެނީ އެ ޕަކާ ހެދީ ސަލާމަތް ނުވެގެން. މި ޤައުމުގައި އައިޓީ ކުދިން އެހެރަ ލިޔެ ނަގަނީ އަޅުގަނޑުމެންނަށް. އެކަމާ ހެދި މިހާރު އެއަށް އެބަކިޔާ ފަޅޯ އެޕެކޭ ވެސް. އެކަންވެސް ކުރެވުނީކީ ނޫން. މިއީ ދުނިޔޭގައި އަލަށް ހަދާ އެއްޗެއްސެއް ނޫނޭ. ހަނދަށް ދާކަށް ނޫނޭ މި އުޅެނީކީ. އެކަންވެސް ވީކީ ނޫން. އެމް.ޓީ.ސީ.ސީގެ ހާލަތު އެހެން. އެމް.ޕީ.އެލްގެ ކޮންޓެއިނަރު ނުބޭލިގެން މިހާރު މަސްދުވަސް ވެފައި އެބަހުރި ކޮންޓެއިނަރުތައް މިކަން އޮތީ މިހާލެއްގައި، އެމް.ޓީ.ސީ.ސީ މިހާލެއްގައި ފެނަކައިގެ ވާހަކަ އުޑުފެންނަ ހިސާބުގައި ނުވާނެ ދައްކަންވެސް އަޅުގަނޑަކަށް ހިއެއްނުވޭ މިއީ ކަމެއް ރަނގަޅުކުރަން އުޅޭނެ ގޮތެއް ނޫން. އަޅުގަނޑަށް ހީވަނީ އަނެއްކާވެސް ހަމަ އެމްބަޒުލްމަންޓް އޮފް ފަންޑްސް ހަމަ ދައުލަތުގެ ޚަޒާނާއަށް އަތްބާނައިގެން ލާރިއެއް ލިބޭނީ ކޮންދިމާލަކުންތޯ މި ވަގުތު ވެސް އުޅޭތަން ފެންނަނީ. އިތުރު ކަމެއް އަޅުގަނޑަކަށް ނުފެނޭ. ރައްޔިތުންގެ ބަސް، އަދި ކިރިޔާ ބައެއް މެންބަރުންނަށް އަޑުއިވެންފެށީ. މި ސަރުކާރުގެ އެންމެ ބޮޑު ފެއިލިޔާއަކަށް ރިވާސް ނުކުރެވޭނެ އެއްޗަކަށް އޮންނާނީ އެ ބިއްލޫރި ޓަނަލެއްގެ ވާހަކަ. 
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކުޑޫ ވިދާޅުވީ، ގިރާވަރުފަޅާއި ގުޅީފަޅު ތަރައްގީކުރުމުގެ ބަދަލުގައި ސަރުކާރުން އިސްކަންދެނީ "މުއިއްޒު އާބާދު" ފަދަ ހުވަފެނީ ބޮޑެތި މަޝްރޫއުތަކަށް ކަމަށެވެ. ފުށިދިއްގަރުފަޅު ފަދަ ތަންތަނަށް ބޮޑެތި ހޭދަތަކެއް ކުރާއިރު، ކުރީ ސަރުކާރުން ފަށާފައިވާ ބްރިޖުގެ މަސައްކަތްތައް ނިމެމުންދާ މަންޒަރު ރައްޔިތުންނަށް ފެންނަން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރުން ގޮތްދޫނުކޮށް ކުރިއަށްގެންދާ ފުށިދިއްގަރުފަޅުގެ މަޝްރޫއަކީ މި ސަރުކާރުގެ އެންމެ ބޮޑު ފެއިލިއާގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

މަޖިލީހުގެ ތަޅުމުގައި ސަރުކާރުގެ ވަޒީރުންނާ ސުވާލުކުރުމަށް އޮންނަ ފުރުސަތުތަކުގައި ވެސް، ރައްޔިތުންނަށް ޖަވާބުދާރީވުމުގެ ބަދަލުގައި ކަންކަން އޮޅުވާލުމަށް މަސައްކަތްކުރާ ކަމަށް ކުޑޫ ތުހުމަތުކުރެއްވި އެވެ. އަދި ސަރުކާރުގެ މެންބަރުންނަށް އަމިއްލަ ދާއިރާގެ ރަށްރަށަށް އަރަން ނުކެރޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށާއި، ބަޖެޓުގައި ހިމަނާފައިވާ މަސައްކަތްތައް ނުކުރެވި ހުރުމުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ސަރުކާރުން ރައްޔިތުންގެ އަޑުއެހުމުގެ ބަދަލުގައި އުޅެނީ ދައުލަތުގެ ޚަޒާނާއިން ވައްކަންކުރުމުގައި ކަމަށް ވިދާޅުވެ ކުޑޫ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.