ހަތިމުތައް އުކާލައި، ފުރުޤާނު މިސްކިތަށް ގެއްލުންދިންކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށް ފަހު ދޫކޮށްލާފައި ހުރި މީހާ އަނެއްކާ ވެސް އެފަދަ މައްސަލައިގައި ހައްޔަރު ކުރުމުން އޭނާ އެކަމާ ދެރަ ނުވާ ކަމަށް ކޯޓުގައި ބުނެފި އެވެ. 

މިސްކިތަށް ވަދެ ގެއްލުންދިން މައްސަލައިގައި ހައްޔަރު ކުރީ ގ. މާލެހިޔާ 2 13-02 / ކ.މާލެ ނައުޝާދު މޫސާ އެވެ. ފުރުޤާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި، އެ މިސްކިތަށް ގެއްލުންދިން މައްސަލައާ ގުޅިގެން 2024، ނޮވެމްބަރު 26 ގައި ވެސް އޭނާ ހައްޔަރު ކުރި އެވެ. ނަމަވެސް ފަހުން އޭނާ ބަންދުން ދޫކޮށްލި އެވެ. 

އެފަހަރު ފުރުޤާން މިސްކިތުގައި ހުރި ހަތިމުތައް އުކާލައި، އެ މިސްކިތަށް ގެއްލުން ދީ އިމާމު ހުންނަ ދިމާ ގައި ހުރި ކަރަންޓު ބޯޑުތަކާއި އެއަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ވެސް ހަލާކުކޮށްލާފައިވެ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ބަންދުން ދޫކޮށްލާފަ އެވެ. 

ބުރާސްފަތު ދުވަހު މިފަދަ މައްސަލައެއްގައި އޭނާ ބަންދުކޮށްފައިވާ އިރު، ބަންދު އަމުރުގައި ބުނެފައި ވަނީ މީނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެ ވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވެ އެވެ. އެގޮތުން ޙާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާއި މިނާގެ ހައްޔަރާއި ބަންދުގެ ރެކޯޑް ހުށަހަޅާފައިވެ އެވެ. ބަންދު ކުރީ 15 ދުވަހަށެވެ. އަދި ބަންދު ކުރީ މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ދެކޭތީ ކަމަށް ބަންދުގެ އަމުރުގައިވެ އެވެ. 

ޝަރީއަތުގައި އޭނާ ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކޮށްފައިވާ ކަމަށެވެ. އަދި މިސްކިތަށް އަރައި މި އަމަލު މީގެ ކުރިން ވެސް ކޮށްފައި ވާނެ ކަމަށާއި، އޭނާ އެކަމާ ދެރަ ވެސް ނުވާކަމަށް ޝަރީއަތުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން މިސްކިތެއްގައި ތިބި އަންހެނުންތަކަކަށް ޖިންސީ ގުނަވަން ދައްކައިގެން ވެސް 2024 ވަނަ އަހަރު އޭނާ ހައްޔަރު ކުރި އެވެ. ނައުޝާދު ޖިންސީ ގުނަވަން ދެއްކީ އައިޖީއެމްއެޗުގެ އެތެރޭގައި ހުންނަ މިސްކިތުގައި ތިބި އަންހެނުންތަކަކަށް ކަމަށް ބަންދުގެ މަޖިލީހުގައި ފުލުހުން އެއިރު ބުނެފައިވެ އެވެ. އަދި، އޭނާއަކީ މީގެ ކުރިން ސްކޫލަކަށް ވަދެ ވެސް ޖިންސީ ގުނަވަން ދައްކާފައިވާ މީހެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މީގެ އިތުރުން މި އަހަރުގެ ރޯދަ މަހު ދުވާލު އާންމުތަނެއްގައި ކައިގެން ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.