ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ދެމަފިރިއަކު ހައްޔަރުކޮށް ބަންދުކޮށްފި އެވެ. 

މަސްތުވާތަކެތީގެ މައްސަލައިގައި އިންޑިއާގެ ދެމަފިރިން ކަމަށްވާ ކްރިސް އެމްބްރޯސިޔާ (27އ) އަދި އިމްރާން ޕާޝާ (33އ) ހައްޔަރުކޮށް ބަންދު ކުރީ ބުރާސްފަތި ދުވަހު އެވެ. މި ދެމީހުންގެ މައްޗަށް ކުރަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް ވިޔަފާރިކޮށް ޓްރެފިކްކުރުމުގެ ތުހުމަތެވެ. ދެމީހުންގެ ބަންދަށް ވެސް ދީފައިވަނީ 30 ދުވަހެވެ. 

ބަންދު އަމުރުގައި ބުނެފައި ވަނީ މި ދެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ. މައްސަލައިގައި ފެނިފައިވާ ލަގެޖުން މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނުނުކަމާމެދު ދިފާޢުން ސުވާލު އުފައްދާފައި ނުވެއެވެ. އަދި މި މައްސަލައިގައި އިމްރާން ގެނައި ލަގެޖުގައި މަސްތުވާތަކެތި ހުރިކަން އެނގެ އެވެ. އަދި މި ދެމީހުންނާ ގުޅޭ ގޮތުން ފުލުހުންގެ ފަރާތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް ފޯމާއި ސީންއަށްދިޔަ ފުލުހެއްގެ ބަޔާނާއި ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓް ހެކީގެ ގޮތުގައި ހުށަހަޅައިފައިވެ އެވެ.

ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއްގެ ގޮތުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއާތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ އާއި، 60 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެ ދެމީހުން ބަންދުން ދޫކޮށްލައިފި ނަމަ ފިލާފާނެކަމުގެ އިޙްތިމާލު އޮތުމުންނާއި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބަންދުގައި ބައިތިއްބަން ޖެހޭކަމަށް ދެކޭ ކަމަށެވެ. 

ކޯޓު އަމުރުން އިނގޭގޮތުގައި މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 2.4 ކިލޯ ގްރާމް އެވެ. މި މައްސަލައިގައި ހައްޔަރު ކުރި އިމްރާން ރާއްޖެއަށް އައިސްފައި ވަނީ މީނާގެ އަނބިމީހާ (ކްރިސްއެމްބްރޯސިޔާ) އާއި އެކުގައި ކަމަށާއި ދެ މީހުންގެ ލަގެޖުން ވެސް މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެހި ފެނުނުކަމަށް ފުލުހުން ބުނެފައިވާއިރު، މީނާގެ ފަރާތުން ލަގެޖުން މި ތަކެތި ފެނުނުކަމާމެދު ސުވާލެއް އުފައްދާފައިނުވެ އެވެ. ނަމަވެސް އެ ތަކެތި ހުރިކަން މީނާއަށް އެނގޭކަމާ މެދު ސުވާލު އުފައްދާފައިވެ އެވެ. 

އެމްބްރޯސިޔާގެ ބަންދު އަމުރުގައި ބުނެފައި ވަނީ މީނާ ރާއްޖެއަށް އައިސްފައި ވަނީ މީނާ ކައިވެނި ކުރަން އުޅޭ މީހާ އާ އެކުގައި ކަމަށާއި ދެ ލަގެޖުން ވެސް މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެހި ފެނުނުކަމަށް ފުލުހުން ބުނެފައިވާއިރު، މީނާގެ ފަރާތުން މައްސަލައި ގައި ހިމެނޭ ލަގެޖުގައި ހުރިތަކެތީގެ ހަޤީޤަތް އެނގޭނީ އިމްރާން ޕާޝާ އަށް ކަމަށް ބުނެފައިވެ އެވެ. އަދި މީނާގެ ފަރާތުން ތަޙްޤީޤަށް އެއްބާރުލުން ދޭނެކަމަށާއި މި މައްސަލައިގައި ދައުލަތުގެ ހެއްކަކަށް ވާން ބޭނުންވާކަމަށް ބުނެފައިވެ އެވެ.