އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ތިން އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ސަރުކާރުގެ ޕާޓީ، ޕީއެންސީގެ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ނިމެމުންދާ ސަރުކާރުގެ މާޔޫސްކަން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މިކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު މީކާއީލް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ސަރުކާރުގެ ދެތިން މެންބަރަކު އަޑު ގަދަކޮށްފައި އުޅުއްވި ނަމަވެސް އެބޭފުޅުންގެ މޫނުމަތިން މާޔޫސްކަން ފެންނަ ކަމަށާއި، ނިމެމުންދާ ސަރުކާރެއްގައި ތިބެވޭކަމުގެ އިހުސާސް އެބޭފުޅުންގެ މޫނުމަތިން ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ.
މެންބަރު މީކާއީލް ވިދާޅުވީ، ގޮނޑި ގެއްލޭ އިސްލާހު ބާތިލްކޮށް ފުރިހަމަ ގޮތުގައި މިހާރު ވެސް މަޖިލީހުގެ މެންބަރުންނަށް މިނިވަކަން ލިބިއްޖެނަމަ ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލޭނެ ކަމަށެވެ. އަދި ރައްޔިތުންގެ ވިންދާ އެއްގޮތަށް ބަސްބުނާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މެންބަރު މީކާއީލް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުގެ ނަތީޖާއާއެކު، ރައްޔިތުންގެ އިހުސާސްތަކާއި، އެ ރައްޔިތުން ތިބި ގޮތް ވަރަށް ރަނގަޅަށް މެންބަރުންނަށް ހާމަވެފައިވާ ކަމަށެވެ. އަދި ޕީއެންސީއަށް ގޮނޑިތައް ލިބުން ބައެއް ދާއިރާތަކުންވެސް ރައީސް މުއިއްޒަށް ނޫނެކޭ ބުނެފައިވާ ކަމަށް މެންބަރު މީކާއީލް ވިދާޅުވި އެވެ.
މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ ބަހުސްގައި އަދި އެހެން އަޑުގަދަކޮށްފައި ދެތިން މެންބަރަކު ހުޅުވިއެއްކަމަކު އިނގޭތޯ. އަޅުގަނޑަށް ހަމަ ބޮޑަށް ސިފަވަނީ މާޔޫސްކަން. އަޅުގަނޑަށް ސިފަވަނީ ނިމެމުންދާ ސަރުކާރެއްގައި ތިބެވޭތީވެ އެ މާޔޫސްކަން. މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނަށް ފޯރައިފިކަން އިނގޭތޯ. މިހާރު ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާރު އެޅިފައިވާ ކަސްތޮޅުން މިނިވަންވެއްޖެ ނަމަ، އެއް ހަފްތާ ތެރޭވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައީސްގެ ގެއްލޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ އިނގޭތޯ. އެއީ މިހާރު ރައްޔިތުންގެ އިހުސާސްތައް ހުރި މިންވަރު އެއޮތީ އެ މެންބަރުންނަށް ވެސް ހާމަވެފައި އިނގޭތޯ. ޕީއެންސީއަށް ގޮނޑިތައް ލިބުން ބައެއް ދާއިރާތަކުންވެސް ރައީސްގެ މުހިއްޒަށް ޖެހީ ނޫނެކޭ. އާއިލާ ކުއްޖާއަށް ވޯޓު އެޅި ރަށްރަށުގައިވެސް ރައީސްގެ މުއިއްޒަށް ޖެހީ ނޫނެކޭ އިނގޭތޯ. ހަތްދިހަ ޕަސެންޓް. މިއީ ދިވެހިރާއްޖޭގެ އިންކަމްމަންޓް ރައީސަކު ރައީސަކަށް ހުރި މީހަކު ވޯޓަކަށް ގޮސްގެން މިޑްޓާމް އިލެކްޝަނެއްގައި މިހާ ދަށުން ދިޔަ ފުރަތަމަ ފަހަރު އިނގޭތޯ. ކައުންސިލް އިންތިޚާބެއްގައި ސިޓިންގ ޕްރެޒިޑެންޓެއް ބަލިވި ފުރަތަމަ ފަހަރު.ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މިކާއިލް އަހުމަދު ނަސީމް
މެންބަރު މީކާއީލް ވިދާޅުވީ، ރައީސް މުއިއްޒަކީ މީޑްޓާމް އިލެކްޝަނެއްގައި އެންމެ ފުރަތަމަ މިހައި ލަދުވެތި ނަތީޖާއަކުން މަގުބޫލުކަމާއި ތާއީދު ގެއްލުނު ފުރަތަމަ ރައީސް ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރަކީ ނިމެމުންދާ ސަރުކާރެއްކަން މިހާރު ޕީއެންސީގެ މެޖޯރިޓީންވެސް ގަބޫލުކުރާ ކަމަށެވެ.