ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މިސަރުކާރުގައި ހއ. ހޯރަފުށީގެ ތަރައްގީ އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށް ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ވަހީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެރަށް ރައްޔިތުން ބޭނުންވާ ތަރައްގީ ލިބިފައިވާ ކަމަށާއި، ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއެކު، މަޝްރޫއުތައް ހުއްޓި، ތަރައްގީގައި ވަރަށް ނިކަމެތި ހާލަތެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި ވަހީދު ވިދާޅުވީ ހޯރަފުށީ އެއާޕޯޓުގެ މަޝްރޫއަކީ ޝަރަފުވެރި މަޝްރޫއެއް ކަމަށާއި، އެމަޝްރޫއާއެކު މުޅި ރަށުގެ އިގްތިސާދު އެކުއެކީގައި ބަދަލުވެފައިވާ ކަމަށެވެ. ގެސްޓްހައުސް ވިޔަފާރި ފުޅާވެ، ރައްޔިތުންގެ ދިރިއުޅުމުގެ ހާލު އެތައް ގުނައަކުން ރަނގަޅުވި ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ވަހީދު ވިދާޅުވީ މޫދަށް އެރި، ކުޅިވަރު ކުޅެވޭނެ ގޮތަށް ބީޗްތަކެއް ތަރައްގީ ކުރެވުނު ކަމަށާއި،  އައުޓްޑޯ ޖިމްއާއި، ވޮލީ ކޯޓު އަދި ޓާފް ދަނޑެއް ތަރައްގީ ކުރެވުނު ކަމަށެވެ. ފޭސް-1 މަގުތައް ޒާމާނީ ފެންވަރަށް ތަރައްގީ ކޮށް، ރަށުން އައިސް ލިބޭ ގޮތް ހެދުމަށްޓަކައި އައިސްޕްލާންޓެއް ގާއިމް ކުރެވުނު ކަމަށާއި، ޖޭޖޭ ޔުނިޓެއް ގާއިމް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 12.5 މިލިއަން ރުފިޔާގެ ބޮޓްލިން ޕްލާންޓެއް ތަރައްގީ ކުރެވުނު ކަމަށާއި، ނަމަވެސް މިހާރު އެއިމާރާތް ދަބަރަށް ވާން ދޫކޮށްލާފައިވާ ކަމަށް ވަހީދު ވިދާޅުވި އެވެ. 

ބޮޓްލިންގ ޕްލާންޓެއް އެންމެ މިޒަމާނު ފެންވަރަށް ތަރައްގީ ކުރެވިއްޖެ. ޚިދުމަތާ ހަމައަށް ގެނެސްދެވުނު. އެހެންނަމަވެސް ސަރުކާރު ބަދަލުވުމާ ހަމައަށް އަދިވެސް އެތަނުގައި އުޅުނު މުވައްޒަފުން ކަނޑާ އެއްލާލި ގޮތަށް އެތަން ހުރީ ދަނބަރަށްވާން ދޫކޮށްލާފައި. ބައްލަވާ މިދައްކަނީ 12.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގެ ވާހަކަ އެނގޭތޯ. އަދި ހަމައެހެންމެ އަޅުގަނޑުމެންގެ މިރަށުގައި ބާވެ ވީރާނަވަމުން ދިޔަ ހުރިހާ އިމާރާތްތައް އައު އިމާރާތްތަކަށް އަޅުގަނޑުމެންނަށް ބަދަލު ކޮށްލެވުނު. އަދި ކޮބާ ޚާއްސަކޮށް ހޯރަފުށީ އެއާޕޯޓު. އެއީ އަޅުގަނޑުމެންގެ އެންމެ ޝަރަފުވެރި ޕްރޮޖެކްޓް. އެއާޕޯޓު ވެސް އަޅުގަނޑުމެންނަށް އެ ނިންމާލެވުނީ. މިއަދު ރޭގަނޑުގެ ދަތުރުތަކާއި ދުވާލުގެ ދަތުރުތަކާ ފަތުރުވެރިން ހޯރަފުއްޓަށް މިދަތުރުކުރަމުންދާ މަންޒިލަކަށް މިބަދަލުވީ އެއާޕޯޓުގެ ސަބަބުން.

މީގެ އިތުރުން ވަހީދު ވިދާޅުވީ މިދިޔަ ސަރުކާރުގައި ފެނަކަ އައު އޮފީސް އިމާރާތް ނިންމާލި ނަމަވެސް ވެރިކަން ބަދަލުވުމާއެކު އެ މަޝްރޫއު ހުއްޓިފައިވާ ކަމަށާއި، އެ އިމާރާތް ވީރާނާވާން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އިތުރަށް ތަރައްގީ ނުގެނެވި، ރައްޔިތުންނަށް ޚިދުމަތް ނުދެވި ފާއިތުވެގެންދާ ހުރިހާ ދުވަހެއް ޒިންމާ މިސަރުކާރުން ނަގަން ޖެހޭ ކަމަށެވެ.