މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އިން މާލޭގައި މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މުޒާހަރާ އަށް ވެސް ފުލުހުން ހުރަސް އަޅައިފި އެވެ.

ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެ ރޭ 09:00 ނުޖަހަނީސް ޗާނދަނީ މަގުގެ ދެފަރާތުން ބެރިކޭޑް ޖަހާ މަގު ބަންދުކޮށްފަ އެވެ. އަދި އެ ސަރަހައްދުގެ ގޯޅިތައް ވެސް ފުލުހުން ވަނީ ބެެރިކޭޑް ޖަހާ ބަންދުކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފަ އެވެ.

މުޒާހަރާގައި ބައިވެރިވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ފުލުހުން އެ ސަރަހައްދު ބަންދުކޮށް ސުލްހަވެރި ސިޔާސީ ހަރަކާތަށް ހުރަސް އަޅާފައިވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ގައުމީ މަޖިލީހުގެ ވިލިގިލީ ދާއިރާގެ މެމްބަރު ހުސައިން ހަސަން ވިދާޅުވީ ރައްޔިތުން ބަންދުކޮށްގެން ނުކުންނަ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށެވެ.

"ސުލްހަވެރި ސިޔާސީ ހަރަކާތަށް ފުރުސަތު ދޭން ޖެހޭ. އަޅުގަނޑުމެން މި ނުކުންނަނީ ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެން އެ ހައްގު ހޯދަން. ފުލުހުންނާއި ކުރިމަތިލާކަށް ނޫން." ހުސެއިން ވިދާޅުވި އެވެ.

އެ ހަރަކާތުގެ ތެރެެއިން ވާހަކަދެއްކެވި ގައުމީ މަޖިލީހުގެ އެހެން މެމްބަރުން ވިދާޅުވީ މުޒާހަރާގައި ކުރާ ޑިމާންޑްތައް އަޑު އެހުމުގެ ބަދަލުގައި ފުލުހުން ނެރެގެން ހާލަތާއި ނުބައްދަލު މިންވަރަކަށް ބާރުގެ ބޭނުން ކުރި ކަމަށާއި އަނިޔާކުރުމަށް ހިތްވަރު ލިބޭ ގޮތަށް ފުލުހުން ވާހަކަދައްކާފައިވާ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެމްޑީޕީ އިން މިހާރު ކުރަމުންދާ މުޒާހަރާތަކުގައި ގައުމު ހަމަ މަގަށް އެޅުވުމަށް ސަރުކާރަށް 12 ޑިމާންޑެއް ވަނީ ހުށަހަޅާފަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ މުޒާހަރާގައި، މުޒާހަރާގެ ބައިވެރިން ކުރިއަށްދާން މަސައްކަތް ކުރި އެކި ފަހަރުތަކުގެ މަތިން ފުލުހުން ވަނީ މުޒާހަރާ ކުރާ މީހުންނާ ކުރިމަތިލާ ހުއްޓުވާފަ އެވެ.

އެކިއެކި ޝުއޫރުތައް ފާޅު ކޮށްފައިވާ ޕްލެކާޑްތައް މުޒާހަރާގެ ބައިވެރިން އުފުލާފައިވާއިރު، އަޑު އަހަރުކޮށް ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވަމުން މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ، ސަރުކާރުން އިސްނަގައިގެން މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ރިފަރެންޑަމް ވޯޓުގައި ސަރުކާރަށް ލިބިފައިވަނީ އެންމެ 30 އިންސައްތަ ވޯޓު ކަމަށާއި، ސަރުކާރުގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.