ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މިންވަރު އިތުރުވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން ޑެންގީ އަދި ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާ އިން ފެތުރޭ ބަތލިތައް ކުރިއަށް އޮތްތަނުގައި އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ. އެފަދަ ބަލިތައް ފެތުރުން މަދުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކަމާއި ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން އެ އިދާރާ އިން ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. 

ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުތަކަކީ މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި، މަދިރި ހެފުމުން ރައްކާތެރިވާނެ ގޮތަށް އަމަލުކުރުމުގެ އިތުރުން، ޑެންގީ ޖެހިއްޖެނަމަ ޞިއްޙީ ޚިދުމަތްތެރިންގެ އިރުޝާދާއި ލަފާގެ މަތިން ކަންކަން ކުރުމެވެ.

އެޗްޕީއޭ އިން ވަނީ  ޞިއްޙީ  ޚިދުމަތް ދޭ ތަންތަނުން ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަތުމަށާއި ފަރުވާ އަވަސްކުރުމުގެ އިތުރުން ބަލި މީހުންގެ ހާލު ކައިރިން ބެލުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. ހަމައެހެންމެ ރަށުގައި ބަލި ފެތުރިފައިވާ މިންވަރު މޮނިޓަރކުރުމަށް ވެސް އެ އިދާރާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެ އިދާރާ އިން ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ކައުންސިލްތަކުން އަޅަން ޖެހޭ ފިޔަވަޅުަތަކަށް ވެސް އަލިއަޅުވާލާފަ އެވެ. އެގޮތުން ކައުންސިލްގެ ބެލުމުގެ ދަށުން ޑެންގީ ކޮންޓްރޯލް ކުރުމަށް ޓާސްކްފޯސް އެކުލަވާލާ، އާއްމުން ހޭލުންތެރިކުރުމާއި ރަށް ސާފުކުރުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެދިފައިވެ އެވެ. 

ހަމައެހެންމެ ރިސޯޓުތަކާއި ސިނާއީ އަދި އުމްރާނީ މަސައްކަތް ކުރާ ސަރަހައްދުތަކުގައި  ހަފުތާ އަކު 1 ފަހަރު އެ ތަންތަން ބަލާ މަދިރި އާލާވާ ގޮތަށް ހުރި ތަންތަނާއި ތަކެތި ނައްތާލުމަށް އިލްތިމާސްކޮށްފައިވެ އެވެ. އެ މަސައްކަތުގައި ޖަމިއްޔާ ޖަމާއަތްތަކުން އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އެ އިދާރާ އިން ވަނީ ބާރު އަޅާފަ އެވެ.  

މީގެއިތުރުން އާންމު ފަރުދުން ގޭގައި ހުރި ފެންހަރުލާ ގޮތަށް ހުންނަ ތަންތަން ބަލާ ފާސްކުރުމަށާއި މަދިރި އާލާ ނުވާނެ ގޮތަށް ތަންތަން ސާފުކުރުމަށް ޚާއްސަ އިސްކަމެއް ދިނުމަށް އެޗްޕީއޭ އިން ވަނީ އެދފިަ އެވެ. ރާއްޖޭގައި ޑެންގީހުން ފެތުރިފައިވާ ގޮތުގެ ތަފާސްހިސާބުތަކަށް ބަލާ އިރު ނިމިދިޔަ ފެބްރުއަރީ މަހު 428 ކޭސް ރިޕޯޓު ކޮށްފައިވާއިރު، މާރިޗް މަހު 535 ކޭސް ރިޕޯޓު ކޮށްފައިވެ އެވެ.