ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް ބުރާސްފަތި ދުވަހު ރަސްމީކޮށް އުފައްދަވައިފި އެވެ.

މި އޮފީހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި ހިނގާ އޮފީހެއް ކަމަށް ރައީސް އޮފީހުން ހާމަކުރެއްވި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި އޮފީހަކީ، ދިވެހިރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ގާއިމުކުރެއްވި އޮފީހެކެވެ. މި އޮފީސް ގާއިމުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވީ، މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީހުން ކުރަމުންގެންދާނެ މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސަރަހައްދުގެ ބައުންޑަރީއާ ގުޅޭގޮތުން އުފެދޭ ޚިލާފުތަކާ ގުޅުންހުރި މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާއެކު އިސްވެ ހަރަކާތްތެރިވުން ހިމެނެ އެވެ.

އަދި ދިވެހިރާއްޖޭގެ ސަރަހައްދުގެ ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ ލިމިޓްތަކުގެ ކޯޑިނޭޓްތައް ކަނޑައަޅައި، ބައުންޑަރީ މެޕްތަކާއި އެއާ ގުޅުންހުރި އިންސްޓްރޫމެންޓްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަކީ ވެސް މި އޮފީހުން ކުރާނެ މަސައްކަތެއް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި އިދާރާގެ މަސައްކަތްތައް ޢަމަލީގޮތުން ފެއްޓެވުމަށް ޓަކައި ހަމަޖައްސަވަންޖެހޭ އިންތިޒާމުތަކާއި، އެ އިދާރާއަށް ހޯދަންޖެހޭ މުވައްޒަފުން ހޯއްދެވުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.