ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރުގެ ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ބުރާސްފަތި ދުވަހު އުފައްދަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މި ބިއުރޯ ގާއިމުކުރެއްވުމަކީ ރައްޔިތުންގެ އަޑު ގާތުން އެހުމަށް ސަރުކާރުން ފެއްޓެވި މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ބުނެ އެވެ. 

މިފަދަ އޮފީހެއް ގާއިމުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވީ، މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ބިއުރޯގެ މަސައްކަތްތައް ޢަމަލީ ގޮތުން ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެދުތެރޭގަ އެވެ. އަދި މިހާރު ކުރިއަށްދަނީ ބިއުރޯގެ މަސައްކަތްތައް ފެށުމަށްޓަކައި ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތައް ފުރިހަމަކުރުމާއި، އެ ތަނަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްތައް ކަމަށެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ މައިގަނޑު މަސްއޫލިއްޔަތަކީ ތަފާތު އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކުރުމެވެ. މީގެ އިތުރުން، ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި، އެ ޝަކުވާތަކަށް އަވަސް މިނެއްގައި ޖަވާބުދާރީވުމަކީ ވެސް މި ބިއުރޯގެ މުހިންމު މަސައްކަތެކެވެ.

މި ބިއުރޯގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއްވެސް މި ބިއުރޯގެ ދަށުން ގާއިމުކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. މީގެ ސަބަބުން ކޮންމެ ވަގުތެއްގައިވެސް ރައްޔިތުންނަށް އެމީހުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.