އަތޮޅު ކައުންސިލް އުވާލުމުން ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކު އިދާރީ ދާއިރާތައް ހިންގުން ގާނޫނުއަސާސީ ހުއްދަ ނުކުރާ ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ. 

އެކްސްގައި ކުރި ޕޯސްޓެއްގައި ހުސްނުއްސުއޫދު މިފަދައިން ވިދާޅުވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއާއި އަތޮޅު ކައުންސިލުތައް އުވާލި ނަމަވެސް، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ހުރަހެއް ނެތް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނުމާއި ގުޅިގެންނެވެ. 

ސުއޫދު ވިދާޅުވީ ގާނޫނު އަސާސީގެ 230 އަދި 231 ވަނަ މާއްދާގައި އޮތް ގޮތުން ގާނޫނުއަސާސީގެ ޖަދުވަލު 2 ގައިވާ އިދާރީ ދާއިރާއެއް ރައްޔިތުން އިންތިހާބު ނުކުރާ ފަރާތަކުން ހިންގުމަށް ގާނޫނު އަސާސީ ހުއްދަ ނުދޭ ކަމަށެވެ. އޭނާ ވިދާޅުވީ  ގާނޫނުއަސާސީ ހުއްދަ ނުކުރާކަމެއް މަޖިލީހުން ފަސްކުރާ ގާނޫނަކުން ހުއްދަ ނުކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުންގެ އިންތިހާބު ކުރާ ކައުންސިލްތަކުން އިދާރީ ދާއިރާތައް ހިންގުމަކީ 2008 ގެ ގާނޫނުއަސާސީ އިން ދައުލަތް ހިންގުމަށް ގެނައި އެންމެ ބޮޑު ބަދަލު ކަމަށެވެ. 

ސުއޫދު ވިދާޅުވީ މި އުސޫލަކީ ގާނޫނުއަސާސީގެ މައިގަނޑު ސިފައެއް ކަމަށެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލުމަކުން ރައްޔިތުން އިންތިހާބު ނުކުރާ ބަޔަކު އިދާރީ ދާއިރާތައް ހިންގުން ގާނޫނުއަސާސީ ހުއްދަ ނުކުރާ ކަމަށެވެ. 

ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 230 ވަނަ މާއްދާގައި އިދާރީދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް  ބޭނުންވާ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ރައީސް އުފައްދަވަންވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލްތަކަށް ފޯރުކޮށްދޭންޖެހޭނެ ކަމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހާ ހިދުމަތްތައް ދިނުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ. 

އެލްޖީއޭގެ ބަޔާނުގައި ބުނެފައިވަނީ އަތޮޅު ކައުންސިލްތައް އުވާލާ އަތޮޅު ކައުންސިލްތަކުން ފޯރުކޮށްދެމުން ދިޔަ އެންމެހާ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގާނޫނީ  ޒިންމާ މަތިކޮށްފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ކަމަށެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލާ އިދާރީ ދާއިރާތަކުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އޮފީސްތަކެއް ގާއިމް ކުރުމުގެ އިހްތިޔާރު ލާމަރުކަޒީ ގާނޫނަށް ގެނެވުނު 17 ވަނަ އިސްލާހުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަަށެވެ. 

އެހެންކަމުން މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓްރީ އުވާލުމަކުން ގާނޫނު އަސާސީގައި އަދި ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ގާނޫނީ ހުރަހެއް ނުވަތަ ހުސްކަމެއް އަތުވެދާނެކަމަށް އެ އޮތޯރިޓީ އިން ނުދެކޭ ކަމަށް ބުނެފައިވެ އެވެ.