ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި އެވެ. 

މި ކަދުރު ރަސްމީކޮށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ހަވާލުކުރުމަށް ބުރާސްފަތި ދުވަހު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

މި ރަސްމިއްޔާތުގައި ސައުދީ އަރަބިއްޔާގެ ފަރާތުން ކަދުރު ހަވާލުކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ އެވެ. އަދި ވުޒާރާގެ ފަރާތުން ހަވާލުވެލެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ސައުދީ އިން 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފައިވާއިރު، ރަމާޟާން މަހާ ދިމާކޮށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް، ''ދައުވާ އެންޑް ގައިޑެންސް''އިން ވުޒާރާއަށް ހަދިޔާކުރި 15 ޓަނުގެ ކަދުރު އާއްމު ރައްޔިތުންނަށް ނުދީ މުއައްސަސާތަކަށް ބަހާލި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. 

ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ކުރިން ސައުދީ ސަރުކާރުން ދޭ ކަދުރު ރާއްޖެ އަށް ލިބެ އެވެ. ނަމަވެސް މިއަހަރު ކަދުރު ލިބިފައިނުވާތީ އެކަމުގެ ޝަކުވާ އާއްމު ރައްޔިތުން ކޮށްފައިވެ އެވެ. 

މި މައްސަލައާ ގުޅިގެން އޭރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، ރާއްޖެއަށް  50 ޓަނުގެ ކަދުރު ލިބޭނެ ކަމަށާއި، އެ ކަދުރު އާއްމު ރައްޔިތުންނަށް ހަދިޔާ ކުރާނެ ކަމަށެވެ. މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ވެސް ކަދުރު ދޭނެ ކަމަށް ވުޒާރާއިން ބުންޏެވެ. 

މިދިޔަ އަހަރުގެ ރަމަޟާން މަހު ވެސް ސައުދީ ސަރުކާރުން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު އަދި ސައުދީގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދައުވާ އެންޑް ގައިޑެންސްއިން ރާއްޖެއަށް 10 ޓަނުގެ ކަދުރު ހަދިޔާކޮށްފަ އެވެ. އަދި ރަމަޟާން މަސް އައުމުގެ ކުރިން ކަދުރު ގޭބިސީތަކަށް ދޫކޮށްފައިވެ އެވެ.