ގދ ތިނަދޫ
ސިޓީގައި ސިމެންތި ލިބުމަށް ހުރި ދަތިތަކާހުރެ ތިނަދޫ ސިޓީގެ އެސްޓީއޯގައި ގިނަ
ބަޔަކު އެއްވެ އިހުތިޖާޖު ކޮށްފިއެވެ.

އެސްޓީއޯއިން
ސިމެންތި ހުސްވާ ހާލަތެއް މެދުވެރިވި ނަމަވެސް، ރާއްޖެއަށް ސިމެންތި މެދުނުކެނޑި
ލިބޭނެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ދާދި ފަހުން ވަނީ
ވިދާޅުވެފައެވެ.

އެހެންނަމަވެސް
ކުރިން ހުރި އަގުގައި ސިމެންތި ނުލިބޭކަމާއި، ސިމެންތި ގަތުމަށް ވެސް ގިނަ
ގޮންޖެހުންތަކެއް ހުރިކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން ތިނަދޫ އިން
ރާއްޖެއެމްވީއާ ވާހަކަ ދެއްކި މީހަކު ބުނީ، ކުރިން 145 ރުފިޔާއަށް ސިމެންތި ބަސްތާއެއް
ލިބޭ ކަމަށާއި، ނަމަވެސް މިހާރު ސިމެންތި ބަސްތާއެއްގެ އަގު 190ށް އަރާފައިވާ
ކަމަށެވެ.

އެހެންކަމުން
އިހުތިތާޖުގެ ބައިވެރިން ވަނީ ކުރިން ހުރި އަގުގައި ސިމެންތި ވިއްކުމަށް ގޮވާލާފައެވެ.

މީގެ
އިތުރުން، ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުޅި ސިޓީއަށް ވެސް
ގެންދިޔައީ 500 ބަސްތާއެވެ. އަދި ކޮންމެ މީހަކަށް ދޫކުރަމުންދަނީ ގިނަވެގެން 5
ބަސްތާގެ ރޭޓުންނެވެ.

ހަމައެއާއެކު،
ސިމެންތި ގަތުމަށް ފައިސާ ދައްކަންޖެހެނީ ވެސް ހަމައެކަނި ނަގުދު ފައިސާއިންނެވެ.

ކަން އެހެން
ހުރުމާއެކު، ރައީސް ޑރ މުޙައްމަދު މުއިއްޒުގެ އިސްތިއުފާއަށް އެތަނުގައި ތިބި ގިނަ
ބަޔަކު ވަނީ ގޮވާފައެވެ. އެގޮތުން އިސްތިއުފާ ދިނުމަށް ގޮވާލާ ޝުއޫރުތައް ލިޔެފައިވާ
ބޯޑުތައްވެސް ބައެއް މީހުން ގެންގުޅުނެވެ.