އެހެންމީހުންގެ ގޯސްތައް ދައްކަން އުޅުމުގެ
ބަދަލުގައި ފުރަތަމަ އަމިއްލަ ނަފްސު މުތާލިއާކޮށް އިޞްލާޙުކުރުމުގެ މުހިއްމުކަން ދޭހަވާ
ޅެމެއް ދާދި ފަހުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރުކަމުން އިިސްތިއުފާދެއްވި އާދަމް ނަސީރު އޭނާ ގެ ސޯޝަލް
މީޑިއާގައި ހިއްސާ ކުރައްވައިފިއެވެ.

އަރަބި ބަހުން އޭނާ ހިއްސާ ކުރެއްވި މި ޅެމުގެ
ދިވެހި ތަރުޖަމާއަށް ބަލާއިރު، ތިބާ އެހެން މީހުންގެ އައިބުތަކާއި ކުށްތައް ހާމަކުރާއިރު،
ތިބާއަކީ ވެސް ކުށްތަކެއް ކުރެވިފައިވާ އަދި އަމިއްލަ ނަފްސުގައި އުނިސިފަތަކެއް އެކުލެވިގެންވާ
މީހެއްކަން ހަނދާން ކުރުމަށް ޅެމުގައިވެއެވެ.

މީގެ އިތުރުން، ބައެއް މީހުންނަކީ ފެންނަ ފެނުމަށް
އެންމެ ހެޔޮލަފާ މީހުން ކަމުގައި ހީވި ނަމަވެސް، އެމީހުންގެ އެތެރެފުށުގައި ފޮރުވިފައިވާ
ކަންކަމަކީ ކިހާ ނުބައި ކަންތައްތަކެއް ހޭ ވެސް ޅެމުގައި ބުނެ އެވެ.

ހަމައެއާއެކު، ފަތުވާތައް ފަތުރައި، މީސްތަކުންނަށް
ނަސޭހަތް ދިނުމަށް ފަހު، އަމިއްލައަށް ފާފަތަކަށް އަރައިގަނެ ތައުބާނުވެ ތިބޭ
މީހުންގެ ވާހަކަ ވެސް އެ ޅެމުގައި އޮވެއެވެ. އަދި "ޝައިޚެއް" ނުވަތަ ވަލީވެރިއެއްގެ
ގޮތުގައި މުޚާޠަބުކުރާ ބައެއް މީހުންނަކީ، ހަގީގަތުގައި ނުބައިކަމުގެ ތެރެއަށް ގެނބިފައިވާ
މީހުންކަމަށް ވެސް ބުނެފައިވެއެވެ.

ޖުމުލަކޮށް އާދަމް ނަސީރު ހިއްސާކުރެއްވި މި
ޅެމުން ދޭހަކޮށްދެނީ ބުއްދިވެރި އަދި އަދަބުވެރި މީހަކީ، އެހެން މީހުން ކުރާ
ގޯސްކަންކަމާއި ގޯސް އުޅުމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ފުރަތަމަ އަމިއްލަ ނަފްސު
މުތާލިއާކޮށް، އަމިއްލަ ނަފްސުގެ ކަންކަން އިޞްލާޙު ކުރާ މީހާ ކަމެވެ.

ކެބިނެޓްގެ 10 ވަޒީރަކު އަންގާރަ ދުވަހު އިސްތިޢުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށް ރައީސް އޮފީހުން ބުނެފައިވާއިރު، ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެރިކަން ނުކުރައްވަނީ ހަގީގަތުގައި ރައީސް ޑރ މުއިއްޒުކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ފާޑުކިޔަމުންނެވެ.