ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހެވާ ލާބަޔަަށް އެދޭ ކަަމަށްވާނަމަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކޮށްދެއްވޭނެ އެންމެ ރަނގަޅު ކަމަކީ އިސްތިއުފާ ދެއްވުމަށް ފަހު ގެއަށް ވަޑައިގެންނެވުން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ފަލާހު ވަނީ ރައީސް މުއިއްޒު ކެބިނެޓަށް ގެންނެވި ބަދަލުތަކަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފަ އެވެ. އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީއިރު، ރަނގަޅު ނަތީޖާއެއް ނުނެރެވުނުކަން ފާހަގަކުރައްވައި ފާޑު ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒުގެ އިތުރުން މިސަރުކާރުގެ ވަޒީރުންގެ ވެސް ގާބިލްކަން ނެތް ކަމަށެވެ. 

ފަލާހު ވިދާޅުވީ ތަރައްގީ އާއި ކުރިއެރުމަށް ކަންކަން ކުރެވޭ ގާބިލް ބޭފުޅުން ނެތުމުން ވާ ހުރިހާ ކަމެއް މި ގައުމުގައި ވަމުންދާ ކަމަށާއި، އެއްވެސް މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. ރައްޔިތުންނަށް މިއަދު ޖެހިފައިވާ ހުރިހާ އުދަނގުލަކީ ވެސް އުރައްޕެއް ނެތް ބޭފުޅުން ރައްޔިތުންނަށް ޚިދުމަތް ކުރަން ފެށުމުން ޖެހިފައިވާ އުދަނގޫތައް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަދު ރައްޔިތުންނަށް ރައީސް މުއިއްޒު ހެވާ ލާބަޔަށް އެދޭ ކަމަށް ވާނަމަ އިސްތިއުފާ ދެއްވުމަށް ފަހު ގެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ. 

މިސަރުކާރު އޮތުމުން ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ފައިދާ އެއް ނުލިބޭނެކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ ރައްޔިތުންނަށް ލިބޭނީ ގެއްލުން ކަމަށެވެ. އަދި ވަޒީފާ ދިނުމާއި މުސާރަ ދިނުމާއި މިކަންކަން ކޮށްގެން ސަރުކާރުގެ ޕާޓީ، ޕީއެންސީގެ މެންބަރޝިޕް ބޮޑު ކުރެވިދާނެ ކަމަށާއި، ޕާޓީއަށް ދައުލަތުން ލިބޭ ރުފިޔާ ގިނަ ކުރި ނަމަވެސް ތަރައްގީގެ މަޝްރޫއެއް ނުވަތަ ރައްޔިތުންނަށް މަންފާވާ ކަމެއް ނުހިނގާނެ ކަމަށެވެ.

ރާއްޖޭގެ ރައްޔިތުން ބުނީ މިހެން ހަދާށޭ އެހެން ހަދާށޭ. އެވާހަކަ ދައްކާނެ ކަމެއް ނެތް. ރާއްޖޭގެ ރައްޔިތުން ބުނީ މުއިއްޒު ފައިބާ ވަޑައިގަންނަވާށޭ. ރާއްޖޭގެ ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ ހެޔޮ ކަމަކީ މިއަދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުން އިނގޭތޯ. އެބޭފުޅުން އެ އުޅުއްވަނީ ރާއްޖޭގެ ރައްޔިތުންނަށް ކަންކަން ކޮށްދޭ ވިސްނުމެއްގައި ނޫން. ކަންކަން ކޮށްދޭ ހިޔާލެއްގައި ނޫން. އަޅުގަނޑަށް ހިޔެއް ނުވޭ މިބޭފުޅާ ރާއްޖޭގައި ހުންނާނެހެން ވެސް. މިހުރިހާ ކަމެއް ކޮށްފައި އަޅުގަނޑަށް ހީވަނީ ވެރިކަން ނިމުމުގެ ކުރިން މިބޭފުޅާ މިތަނުން ދާނެހެން އަޅުގަނޑުމެން ރައްޔިތުން ދޫކޮށްލާފައި އިނގޭތޯ. އެ ވިސްނުމުގައި މަސައްކަތް ކުރާ ބޭފުޅެއް ވީމަ. ފުރަތަމަ ވަޑައިގެން ކިޔުއްވީ ދެ ދައުރޭ. ދެ ވަނަ ދައުރޭ. އެކަމަކު މިހާރު އެބައިވެސް ހުއްޓި ފިލާ ކަހަލަ ގޮތަކަށް އުޅޭހެން އަޅުގަނޑަށް ހީވަނީ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު

މީގެ އިތުރުން ފަލާހު ވިދާޅުވީ މިސަރުކާރުގެ ބޭފުޅުންނަށް ކަންކަން ކުރަން އެނގިވަޑައިގަންނަވާ ނަމަ ނުވަތަ ގާބިލުނަމަ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށާއި، ބޮޑު ހިލަ ވެސް ގައުމަށް ގެންނާނެ ކަމަށެވެ. ބަނދަރުތަކާއި، މަގުތައް އަދި އިމާރާތްތައް ވެސް ހެދިގެންދާނެ ކަމަށާއި، މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ދައުލަތުން ދޭން ޖެހޭ ފައިސާ ވެސް ކުންފުނިތަކަށް ދޫކުރާނެ ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި ފައިސާ ހަމަޖެހިފައިވާ ބައެއް މަޝްރޫއުތައް ވެސް މިސަރުކާރުގައި މިއަދު ހުއްޓިފައި އޮތީ މަކަރާތް ހީލަތްހުރި ވަރުން ކަމަށެވެ.

މިއީ ކުޅޭކުޅޭ ލާހޫރޭ ސަރުކާރެއްގެ ގޮތުގައި ސިފަ ކުރައްވައި ފަލާހު ވިދާޅުވީ އެންމެ ފުރަތަމަ ދިވެހި ބަސް ތަރައްގީ ކުރާނަމުގައި ގައުމިއްޔަތު މިނިސްޓްރީ އުފެއްދެވިއިރު ވެސް އެއީ ބޭކާރު މިނިސްޓްރީއެއް ކަމަށް ގިނަ ރައްޔިތުން ބުނަމުން ދިޔަ ނަމަވެސް މިސަރުކާރަށް އެ އަޑު ނީވުނު ކަމަށެވެ. މިއަދު އެ މިނިސްޓްރީ އުވާލެއްވި ނަމަވެސް ދެ އަހަރަށް ވުރެ ގިނަ ދުވަހު ރައްޔިތުންގެ ފައިސާ އިސްރާފު ކޮށްފައިވާ ކަމަށާއި، އެކަންކަން ރައްޔިތުން ބަލައި ނުގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.