ގއ. ކޫއްޑޫ ކައިރިއަށް ފީނަންގޮސް އުޅެނިކޮށް މިޔަރެއް ހަމަލާދީ ޒަހަމްވި ސްޕެއިންގެ ފަތުރުވެެރިޔާގެ އެއް ފައި ބުރިކޮށްލައިފި އެވެ. 

ފުލުހުން ބުނީ، ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން އަނިޔާވެގެން 11 އޭޕްރީލް 2026  ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

މި ހާދިސާގައި އަނިޔާވެފައި ވަނީ ސްޕެއިން އަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއަކަށެވެ. އޭނާއަށް ފުރަތަމަ ގއ. އަތޮޅު ހޮސްޕިޓަލުގެ އައި.ސީ.ޔޫ. ގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މާލެ އަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި ހާދިސާގައި ފަތުރުވެރިޔާގެ ދެ ފަޔަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައި ވާއިރު، އެ މީހާގެ އެއް ފަޔަށް، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ބުރިކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ އިތުރުން ފުލުހުން ބުނީ، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ފުރިހަމަކުރަންޖެހޭ އިޖުރާއީ ކަންކަމާއި ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

މިހާދިސާއާ ގުޅޭގޮތުން ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ ފަތުރުވެރިޔާ ރާއްޖެއަށް އައީ އަނބިމީހާއާއެކު ހަނީމޫން ދަތުރަކަށެވެ.  އަދި އޭނާއަށް މިހާރު ފަރުވާދެމުންދަނީ އޭޑީކޭ ގައި ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. 

މީގެކުރިން ވެސް ރާއްޖޭގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ބައެއް މީހުންނަށް މިޔަރު ހަމަލާދީގެން އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ. މީގެ ތެރޭގައި ފަތުރުވެރިން ވެސް ހިމެނޭއިރު، ފީނަށް ގޮސް އުޅޭއިރު، ޚާއްޞަކޮށް މިޔަރު ޕޮއިންޓުތަކުގައި ހަރަކާތްތެރިވެ އުޅޭއިރު، ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެ އެވެ.