ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަހުމަދު ނަވްޝާދު މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. 

ނަވްޝާދު ނިޔާވީ މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުއްޓާ ބުދަ ދުވަހުގެ ހަވީރު އެވެ. ފުލުހުން ބުނީ މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ވެއްޓިފައިއޮއްވާ ފެނިގެން 2026 އޭޕްރީލް 15 ދުވަހުގެ ހަވީރުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސްފައިވެ އެވެ. 

ފުލުހުން ބުނީ ނަވްޝާދު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެ އެވެ. 

އަދި އާއިލާއަށް މި މައުލޫމާތު ނުދީ ލަސްކުރިކަން އާއިލާއިން ވަނީ ހާމަކޮށްފަ އެވެ. 

ފުލުހުން ބުނީ ބަންދުގައި ހުއްޓާ ނިޔާވި މީހަކަށް ވުމާއެކު، ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމާފަ އެވެ.

މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ ހިއްސާކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.