މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މިއަދު ހަވީރު މަރުވި މ. ރޭއަލިވާގެއާގެ / މާލެ، އަޙްމަދު ނަވްޝާދު (41އ) ގެ މަރުގެ ހަބަރު އާއިލާއަށް ލިބުނީ ނޫސްތަކުން ކަމަށާއި، އަދިވެސް ފުލުހުން އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް އާއިލާއާއި ހިއްސާ ނުކުރާ ކަމަށް އެ އާއިލާއިން ބުނެފި އެވެ.
ރާއްޖެއެމްވީ އާއި ވާހަކަ ދެއްކި ނަވްޝާދުގެ އާއިލާގެ މެންބަރަކު ބުނީ މަރުގެ ހަބަރު ލިބިގެން އައިޖީއެމްއެޗްއަށް ދިޔަ ކަމަށާއި، އެއިރު ވެސް ފުލުހުންގެ ފޮރެންސިކް ޓީމުން ހޮސްޕިޓަލަށް ނާންނަ ކަމަށެވެ. ނަވްޝާދު ނިޔާވީ 6 ޖެހިކަންހާއިރު އެވެ. އާއިލާއިން ބުނީ ފޮރެންސިކް އިން ހޮސްޕިޓަލަށް ދިޔައީ 8:30 ވެފައި ހުއްޓާ ކަމަށާއި، އާއިލާއަށް މޫނުވެސް ނުދައްކާ ކަމަށާއި، ފުލުހުންގެ ފަރާތުން އެއްވެސް ޖަވާބެއް ނުދޭ ކަމަށެވެ.
އާއިލާއިން ވާހަކަދެއްކި މީހާ ބުނީ ހޮސްޕިޓަލަށް ފޮރެންސިކް އިން އައީ ނަވްޝާދު ހުރި ގޮޅި ބެލުމަށްފަހުގައި ކަމަށާއި، އައިޖީއެމްއެޗްފައި ނަވްޝާދުގެ މަރު ސާބިތު ކުރި ޑޮކްޓަރު ވެސް ފޮރެންސިކް ޓީމުން ނައިސްގެން ލަސްވެގެން އުޅުނު ކަމަށެވެ.
އަޅުގަނޑު މިއާ ހާލީ އަނެއް އެއީ ކޮން އިރަކުހެއްޔޭ ތިބޭފުޅުންނަށް އިންފޯމްކުރީ. ބުނީމަ ބުނި ޕްރޮސީޖަރއެއްގެ ދަށުންނޭ އަޅުގަނޑުމެންނަށް ގަޑި ބުނެވޭނީ. އެހެންވީމަ އަޅުގަނޑު މި ބުނީ އޯކޭ ޕްރޮސީޖަރ ފޮލޯކޮށްލާނަމޭ. ގަޑި ހޯދަން ކޮން ޕްރޮސީޖަރއެއްހޭ ފޮލޯކުރަން ޖެހޭނީ، ބުނީމަ އަދިވެސް އެއަށް ޖަވާބެއް އަޅުގަނޑަކަށް ނުއެއް ލިބޭ. ދެން ދެންމެ ސާމީހު ވިދާޅުވީ އިރުކޮޅެއްތެރޭ ޖަވާބުދޭނަމޭ. އެހެންވެ އަޅުގަނޑު މި އިންތިޒާރުކުރަނީ އިރުކޮޅެއްތެރޭގައި އެދޭ ޖަވާބަށް. މިތާނގެ ޑޮކްޓަރުން އަޅުގަނޑަށް ދިން މަޢުލޫމާތުގައި 5:40 ގައި ޕޭޝަންޓް ހޮސްޕިޓަލަށް މި ގެނައީ. އެއީ ގޮޅިން ޕޮލިހުންގެ. ދެން މި ތަނަށް ގެނެއްސަ އަނެއް ޑޮކްޓަރުން މި ބުނީ އަނެއް ނިޔާވެފައޭ ގެނައިރުވެސް އޮތީ. ދެން އަޅުގަނޑުމެން ސީޕީއާ ދިނީއޭ. ދީފަ 6:00 ގައި ޑެތް ޑިކްލަޔަރކޮށްފީމޭ. ދެން މި ވެއިޓް ކުރަނީ އޭރުއްސުރެ ފޮރެންސިކްސް އަންނަންދެން. ފޮރެންސިކްސް އައީ 8:27 ގައި މި ތަނަށް. އެއީ ފޮރެންސިކްސް ގޮސްފަ ގޮޅި ނިންމާފައި އޮތް މި ތަނަށް މިއައީ މިހާރު ޕޭޝަންޓްސްގެ ހާލެއް ނެތް. އާއިލާއަށް މޫނެއް ނުދައްކާ.އާއިލާގެ މެންބަރެއް
އާއިލާއިން ވާހަކަ ދެއްކި މީހާ ބުނީ ނަވްޝާދު އަކީ ފިޓް ޖެހޭ މީހެއް ކަމަށެވެ. އަދި އެކަން ފުލުހުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށާއި، ފުލުހުންގެ އަތުގައި ހުރި މައުލޫމާތުގައި އެވާހަކަ އިންނާނެ ކަމަށެވެ. އަދި މީގެ ކުރިން ވެސް ހައްޔަރުކޮށް ސިއްހީ ހާލަތު ހުރިގޮތުން ނުބެލޭނެ ކަމަށް ބުނެ ފުލުހުން ނަވްޝާދު ދޫކޮށްލި ކަމަށެވެ. އޭނާ ބުނީ ނިޔާވި ސަބަބެއް އަދިވެސް އާއިލާއަށް ނާންގާ ކަމަށެވެ. އަދި ނިޔާވީ ފިޓްޖެހިގެން ކަމަށް ބުނަން އާއިލާއަށް ވެސް ނޭނގޭ ކަމަށާއި، ޑޮކްޓަރުން ވެސް ބުނެފައިވަނީ މަރުވި ސަބަބެއް ދެނެގަނެވިފައި ނުވާ ކަމަށެވެ.
އަދި ނަވްޝާދު އަކީ ފިޓްޖެހޭ މީހެއް ކަން ޑޮކްޓަރުންނަށް ކިޔައިދޭންޖެހުނީ ވެސް އާއިލާއިން ކަމަށާއި، އޭގެ ފަހުން މަރުވި ސަބަބު ދެނެގަންނަން އަނެއްކާވެސް ޑޮކްޓަރުން މަސައްކަތް ކުރި ކަމަށް އާއިލާއިން މައުލޫމާތު ދިން މީހާ ބުނެފައިވެ އެވެ.
ރާއްޖެއެމްވީއަށް އާއިލާގެ މީހާ މައުލޫމާތު ދިނީ 9:18 ގަ އެވެ. އެއިރު ވެސް ފުލުހުންގެ ފަރާތުން ޖަވާބެއް ނުލިބޭ ކަމަށް އާއިލައިން ބުނެފައިވެ އެވެ.
ފުލުހުން ބުނީ މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ވެއްޓިފައިއޮއްވާ ފެނިގެން 2026 އޭޕްރީލް 15 ދުވަހުގެ ހަވީރުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ ހިއްސާކޮށްފަ އެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އޭނާ ބުނީ އާއިލާއަށް ނަވްޝާދުގެ މަރުގެ ހަބަރު ލިބުނީ ނޫހުން ކަމަށެވެ. އަދި އާއިލާއަށް އެ މައުލޫމާތު ފުލުހުން ދިނީ އާއިލާއިން ހޮސްޕިޓަލަށް ދިޔަ ފަހުން 6:40 ހާއިރު އެވެ. ފުލުހުން މީޑިއާތަކަށް އެ މައުލޫމާތު ދިނީ 6:21 ގަ އެވެ.