ސަރުކާރުން ކައުންސިލް ތަކަށް ދޭ އާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) އިން މުވައްޒަފުންނަށް މުސާރަ ދިނުމަށް ފަހު ދެއްކެނީ ކަރަންޓު ބިލު އެކަނި ކަމަށާއި ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވާހަކަދައްކަ ވަނީ ކަންކަމުގެ ހަގީގަތް ނޭނގި ހުންނަވައި ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މިނިސްޓަރު ވަނީ މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލުން ޒިންމާ އަދާ ނުކުރާ ކަމަށް ވިދާޅުވެ ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އައްޑޫ ސިޓީ ކައުންސިލަށް ދައުލަތުން އެތައް ސަތޭކަ މިލިޔަން ރުފިޔާ އެއް ދޭ އިރު މަގުގައި ހުންނަ ޕޮޓްހޯލްތައް ހެދޭވަރުގެ މެކޭނިޒަމެއް ނެތް ކަމަށްވާނަމަ އެ ކައުންސިލް އޮތީ ފެއިލްވެފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަށް ރައްދު ދެއްވައި ރާއްޖެއެމްވީ އާ ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވި މިނިސްޓަރު މުއްތަލިބަށް ދައުލަތުގެ ކަންކަން ހިނގާ ގޮތް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
މިނިސްޓަރަކަށް ދައުލަތުގެ މިކަންކަން ހިނގާ ގޮތެއް ނުއެއް އެނގޭ. ގްރާންޓަށް އެ ލިބޭ ލާރިކޮޅުން ކައުންސިލިގެ މުވައްޒަފުންގެ މުސާރަ ދީފަ ކަރަންޓް ބިލް އެކަނި ކަން ދެއްކެނީ އޭނައަކަށް ނޭނގޭ. އެކަން ނޭނގޭތީ ދައްކާ ވާހަކައެއް. މަގު މަރާމާތުކުރުމާ އެހެން ކަންކަން މި ކުރަނީ ކައުންސިލްގެ އާމްދަނީ އިން. އާމްދަނީ އިތުރު ކޮށްގެން. އެމްޑީޕީ އިން ގާނޫނަށް ގެނައި ބަދަލާއެކު ލިބުނު ލުއިތަކުގެ ތެރެއިން ލިބުނު ފުރުަސުތުގެ ތެރެއިން އަޅުގަނޑުމެން ހޯދާފަހުރި އާމްދަނީ އިން ކަންކަން ކުރަނީ. މަގު ހަދަނީ ވެސް އެ ލާރިން. ސަރުކާރަކުން ނުދޭ. ދޮޅު އަހަރު ވީ އާރްޑީސީ އާ މި މަސައްކަތް ހަވާލުކޮށްގެން އުޅޭތާ. ނުއެއް ބަލާ މަސައްކަތް ކުރޭތޯ ނުކުރޭތޯއެއް.އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު
އައްޑޫ ލިންކް ރޯޑުގެ މަސައްކަތް އާރްޑީސީ އާ ހަވާލު ކޮށްފައިވާ ކަމަށް މިނިސްޓަރު މުއްތަލިބު ވިދާޅުވި އިރު މޭޔަރު ނިޒާރު ވިދާޅުވީ އެ މަސައްކަތް ސަރުކާރުން އެ ކުންފުންޏާ ހަވާލު ކޮށްފައި އޮންނަތާ މިހާރު ދޮޅު އަހަރު ވެއްޖެ ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތް ކުރިއަށް ނުދާއިރު ސަރުކާރުން އެކަންކަން ހިނގާ ނުހިނގާ ގޮތް ވެސް ބަލައިނުލައި ކަމަށް މޭޔަރު ވިދާޅުވި އެވެ.
ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ވަނީ ކައުންސިލްތަކަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ތަނެއްތޯ ސުވާލު ކޮށްފަ އެވެ. އަދި ކައުންސިލް ތަކުން ކުރަނީ ކީއްތޯ ވެސް މިނިސްޓަރު ވަނީ ސުވާލު އުފައްދަވާފަ އެވެ.