މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލްތަކުގެ ޒިންމާ އަދާ ނުކުރާ ކަމަށް ވިދާޅުވެ ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެ ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު މުއްތަލިބު ހާޒިރުކޮށްފައިވާއިރު މިނިސްޓަރާ ސުވާލު ކުރެއްވުމުގެ ވަގުތުގައި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވަނީ އައްޑޫ ލިންކް ރޯޑުގެ މަސައްކަތާ ގުޅޭގޮތުން ސުވާލު ކުރައްވާފަ އެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް މިހާރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލު ކުރެވިފައިވާ ކަމަަށެވެ. އަދި ވަރަށް އަވަހަށް އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރަށްރަށުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ސަރުކާރުގެ މިނިސްޓްރީ އަކުން ކުރަން ޖެހޭ ކަންކަން ނޫން ކަމަށެވެ. އެއީ އެ ރަށަކަށް އިންތިޚާބުކޮށްފައިވާ ކައުންސިލްތަކުގެ ޒިންމާ އެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

އެހެންކަމުން އައްޑޫ ސިޓީ ކައުންސިލަށް ދައުލަތުން އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ދޭ އިރު މަގުގައި ހުންނަ ޕޮޓްހޯލްތައް ހެދޭވަރުގެ މެކޭނިޒަމެއް ނެތް ކަމަށްވާނަމަ އެ ކައުންސިލް އޮތީ ފެއިލްވެފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ރަށްރަށުގައި ހުންނަ މެއިންޓެއިންކޮށް ބެލެހެއްޓުމަކީ އެއީ އެެރަށެއްގައި އިންތިހާބުކޮށްފައި އޮންނަ ކައުންސިލެއްގެ ޒިންމާއެއް. އެހެންވީމާ އައްޑޫ ސިޓީ ކައުންސިލަށް އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ދައުލަތުން ދޭ އިރުގައި މަގުގައި ހުންނަ ޕޮޓްހޯލްތައް ހެދޭވަރުގެ މެކޭނިޒަމެއް ނެތް ކަމަށް ވެއްޖެއްޔާ އަޅުގަނޑަށް ހީވަނީ ކައުންސިލް އެއޮތީ ފެއިލްވެފައި ހެން،
ހައުސިންގް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު

މާލެ ސިޓީ ކައުންސިލަށް ފާޑުވިދާޅުވެ މިނިސްޓަރު ވިދާޅުވީ މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން އެކަމާ ގުޅުންހުރި ކަންކަން ވެސް ހައްލު ކޮށްދޭން ޖެހެނީ ދައުލަތުން ކަމަށެވެ. 

މިނިސްޓަރު ވަނީ ދައުލަތުން ކައުންސިލްތަކަށް ބޮޑެތި އަދަދުން ބްލޮކް ގްރާންޓްގެ ގޮތުގައި ފައިސާ ދޭއިރު ކުރަނީ ކޮން ކަމެއްތޯ ވެސް ސުވާލުކުރައްވައި، ވިދާޅުވީ ކައުންސިލްތަކަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ބައެއް ތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި ކައުންސިލްތަކުން އަމަލީ ގޮތުން ކުރަނީ ކޮން މަސައްކަތެއް ތޯ ވެސް މިނިސްޓަރު އެއްސެވި އެވެ.