ޤާނޫނުއަސާސީގައިވާ
އަތޮޅު ކައުންސިލުތައް އުވާލުމަށް ފަހު، އަތޮޅުތައް ހިންގަން ސަރުކާރުން އުފެއްދި
މިނިސްޓްރީ ވެސް މިހާރު އުވާލާފައިވާތީ އަތޮޅުތައް އިދާރީ ދާއިރާއެއްގެ ގޮތުގައި
ހިންގުމަށް ޤާނޫނީ ހުސްކަމެއް އަންނާނެކަމަށް ދެކިވަޑައިގަންނަވާކަމަށް ސުޕްރީމް
ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

މީގެ ކުރިން
ރައީސުލްޖުމްހޫރިއްޔާ ވަނީ އަތޮޅު ކައުންސިލްތައް އުވާލައްވައި، އެ ކައުންސިލްތަކުގެ
އިދާރީ ބާރުތައް ކައުންސިލްތަކާ ބެހޭ ވުޒާރާއަށް ބަދަލުކުރައްވައި، ބެލެހެއްޓުމުގެ
ހުރިހާ ކަމެއް އެ މުއައްސަސާއެއްގެ ދަށަށް ޖަމާކުރައްވާފައެވެ. މި ނިންމުމާ މެދު އޭރުވެސް
ބޮޑެތި ބަހުސްތަކެއް ކުރެވުނުއިރު، އަތޮޅު ފެންވަރުގެ ހިންގުން ނެތިދިއުމަކީ ލާމަރުކަޒީ
ނިޒާމަށް ދެވޭ ގެއްލުމެއްގެ ގޮތުގައި އޭރުވެސް ގިނަ ބަޔަކު ދިޔައީ
ސިފަކުރަމުންނެވެ.

މިހާރު މި
ހާލަތު މި ވަނީ އިތުރަށް ގޯސްވެފައެވެ. އެގޮތުން އަތޮޅު ކައުންސިލްތަކުގެ ބާރުތައް
ހަވާލުކުރި ވުޒާރާވެސް އުވާލުމާ ގުޅިގެން، "އިދާރީ ހުސްކަމެއް" ވަނީ އުފެދިފައެވެ.

ގާނޫނީ މާހިރުން
ފާހަގަކުރައްވާ ގޮތުގައި، މިފަދަ ހުސްކަމެއް އައުމަކީ ގާނޫނީ އަދި އިދާރީ ގޮތުން ކަންބޮޑުވުންތަކެއް
އުފެދޭނެ ކަމެކެވެ. ޚާއްޞަކޮށް ލާމަރުކަޒީ އުސޫލުން ހިންގުމާއި ބާރުތައް ވަކިކުރުމުގެ
އަސާސްތަކާ މެދު ސުވާލު އުފެދެއެވެ.

ސުޕްރީމް
ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ މި ކަންބޮޑުވުން ހިއްސާ
ކުރައްވާފައެވެ. އެގޮތުން ސުއޫދު ވިދާޅުވީ، ރާއްޖޭގެ އަތޮޅުތައް ހިންގުން
ހުސްކަމަކަށް އައުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށާއި، ޤާނޫނުއަސާސީގައިވާ
އަތޮޅު ކައުންސިލުތައް އުވާލުމަށްފަހު، އަތޮޅުތައް ހިންގަން ސަރުކާރުން އުފެއްދި
މިނިސްޓްރީވެސް މިހާރު އުވާލާފައިވާތީ އަތޮޅުތައް އިދާރީ ދާއިރާއެއްގެ ގޮތުގައި
ހިންގުމަށް ޤާނޫނީ ހުސްކަމެއް އަންނާނެކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން
އެ ހުސްކަން ޤާނޫނީ މަގަކުން ހަމަޖައްސަން ޖެހޭކަމަށް ޤަބޫލު ކުރައްވާކަމަށް
ސުއޫދު ވިދާޅުވިއެވެ.

މިހާތަނަށް
ސަރުކާރުގެ ފަރާތުން، މި ވަގުތީ ހާލަތުގައި އަމަލުކުރާނެ އޮނިގަނޑެއް ނުވަތަ މިހާރު
އޮތް ހިންގުމުގެ އޮނިގަނޑުގެ ބަދަލުގައި ގެންނާނެ ދާއިމީ ރޭވުމެއްގެ ތަފްސީލީ މައުލޫމާތެއް
އާންމުކޮށްފައެއް ނުވެއެވެ. މި ކަމުގައި ސާފުކަމެއް ނެތުމުން، އިދިކޮޅު ސިޔާސީ ފަރާތްތަކާއި
މަދަނީ ޖަމިއްޔާތަކުން ދަނީ ކަންކަން ހާމަކުރުމަށާއި ކުރިއަށްދާނެ ސާފު މަގުޗާޓެއް
ހުށަހެޅުމަށް ގޮވާލަމުންނެވެ.