ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ކަމަށް އަޙްމަދު ޝިޔާމް އައްޔަން ކުރައްވައިފި އެވެ.

ވަޒީރަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ ބުދަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ހަމީދު އެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގުރާރުގައި ވަޒީރު ސޮއިކުރެއްވި އެވެ.

14 އޭޕްރީލް 2026 ގައި ރައީސް މުއިއްޒު ކެބިނެޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފަ އެވެ.

އެގޮތުން ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި، މިނިސްޓްރީތަކުގެ އަދަދު މަދުކޮށްފައިވެ އެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ 22 މިނިސްޓަރުން ހިމެނޭ، މިހާތަނަށް އެންމެ ބޮޑު ކެބިނެޓާއެކުގަ އެވެ.

ފިޝަރީޒް މިނިސްޓްރީއާ އެގްރިކަލްޗަރ މިނިސްޓްރީ އެއްކޮށްލައި މިހާރު އެ މިނިސްޓްރީގެ ނަން ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސެސްއަށް ބަދަލުކޮށްފަ އެވެ. މީގެ ކުރިން އެގްރިކަލްޗަރގެ ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދިޔައީ  މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއާގެ ދަށުންނެވެ. ނަމަވެސް އަންގާރަ ދުވަހު މި މިނިސްޓްރީ ވަނީ އުވާލާފަ އެވެ. 

މީގެ އިތުރުން އަންގާރަ ދުވަހު ޖުމްލަ 10 މިނިސްޓަރަކު އިސްތިއުފާ ދެއްވާފައިވެ އެވެ. އަދި މިބޭފުޅުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.