އޭޕްރީލް މަހުގެ ނިޔަލަށް ގިރާވަރުފަޅު ހިއްކާ
ނިމޭނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ކުރިން ވިދާޅުވެފައި އޮތް ނަމަވެސް،
އެ މަސައްކަތް ނިންމޭނެކަމަށް ލަފާކުރެވެނީ މެއި މަހުގެ ނިޔަލަށްކަމަށް ކޮންސްޓްރަކްޝަން
މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ގިރާވަރުފަޅުގައި ހިއްކަން ކަނޑައަޅާފައި އޮތީ 169
ހެކްޓަރުގެ ބިމެވެ. 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 54 ހެކްޓަރުގެ
ބިން ހިއްކާފައި ވެސް ވެއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އޭރު މަސައްކަތް
ޙަވާލުކޮށްފައިވާ ކޮންޓްރެކްޓަރާ މައްސަލަތަކެއް ދިމާވެގެން އަލުން އެ މަސައްކަތް
އެހެން ބަޔަކާ ޙަވާލުކުރަން ޖެހުނީއެވެ. އެގޮތުން މި ސަރުކާރު އައިސް އެ މަސައްކަތް
އަލުން އެހެން ކޮންޓްރެކްޓެއް ކަމަށްވާ އެމްއޭސީއެލްއާ ޙަވާލުކޮށް އެ މަސައްކަތް
ފެށީއެވެ.

އެމްއޭސީއެލްއިން އެ މަސައްކަތް ފެށީ 31 ޖެނުއަރީ
2026 ގައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ 97
ހެކްޓަރުގެ ބިން ހިއްކުމަށެވެ. އޭގެ ތެރެއިން 44 ހެކްޓަރުގެ ބިން 9 އޭޕްރީލް 2026
ގެ ނިޔަލަށް ހިއްކާ ނިމިފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ބާކީ ހުރި ބައި 31 މެއި 2026
ގެ ނިޔަލަށް ހިއްކާ ނިމޭނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ގިރާވަރު ފަޅު ގޯތިތައް ހިއްކާ ނިމޭނީ މެއި މަހުގެ
ނިޔަލަށް ކަމަށް ވަޒީރު ވިދާޅުވި ނަމަވެސް، މިއަހަރުގެ ކުރީކޮޅު ރައީސް އެކްސްގައި
ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ އެ މަސައްކަތް އޭޕްރިލް މަހު އެއްކޮށް ނިމި،
ސަރވޭ ކޮށް ނިންމައި، ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމަށް
ވިދާޅުވެފައެވެ.

އެހެންކަމުން ރައީސް ދެއްވި ޑެޑްލައިނާ ވަޒީރުގެ
ޑެޑްލައިނާ ދިމާނުވާކަން ފާހަގަ ކުރެވެއެވެ.

ގިރާވަރުފަޅުން ޖުމުލަ 4 ސައިޒެއްގެ 4،072 ގޯތި
ދޫކުރުމަށް ވަނީ ނިންމާފަ އެވެ.

އެއީ، 1250 އަކަފޫޓުގެ 2605 ގޯތި، 1650 އަކަފޫޓުގެ
1213 ގޯތި، 2050 އަކަފޫޓުގެ 253 ގޯތި އަދި 2450 އަކަފޫޓުގެ 1 ގޯއްޗެވެ. 

ކުރީގެ ރައީސް އިބްހިރާމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި މިމަޝްރޫއު ކުރިއަށް ނު ގެންގޮސް ގިނަ ދުވަސްތަކެއް ވަންދެން އޮތީ ދޫކޮށްލާފަ އެވެ. މިމައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ގިރާވަރުފަޅުން ގޯތި ލިބުނު މީހުން މީގެ ކުރިން މުޒާހަރާ ކޮށްފައިވެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ބިންވެރިޔާގެ ސްކީމުން ގޯތި ލިބުނު މީހުންނަށް ގޯތި ދޫ ކުރުމަށް އިސްކަން ނުދޭ ކަމަށާއި، އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ބަދަލުގައި މަސައްކަތް ކުރަނީ ރަސްމާލެ ތަރައްގީ ކުރުމަށް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. 

މީގެ އިތުރުން އެތައް ފަހަރެއްގެ މަތީން ގިރާވަރުފަޅު ގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، ގޯތި ލިބިފައިވާ މީހުންގެ ބިމުގެ ސަރަހައްދުތައް ކަނޑައެޅުމަށްގު ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވެ އެވެ.

ގިރާވަރުފަޅު ބިން ހިއްކުމުގެ މަޝްރޫއު އޭޕްރީލް މަހު ނިމޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއިރު، މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ އެތައް ތާރީހުތަކެއް ދެއްވާފަ އެވެ.