މާލޭގެ އެޕާޓްމެންޓެއްގެ ތެރޭގައި އަނިޔާވެރި
ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ
ތުހުމަތުކުރެވޭ އަލީ ސާހިލްގެ މައްޗަށް އެ މައްސަލައާ ގުޅިގެން އުފުލި ބައެއް
ދައުވާތައް ސާބިތުވެއްޖެއެވެ.

ހ. ޝީރީންވިލާގޭގެ ނުވަވަނަ ބުރީގެ
އެޕާޓްމަންޓެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ޝިއާއު ފެނުނުއިރު،
ހަމަ އެރޭ ކުށުގެ ވެށިން ހައްޔަރުކުރީ ޒުވާން ސްކޭޓަރު ސާހިލްއެވެ. އޭނާ ގެ
މައްޗަށް ފަސް ދައުވާ އެއް އުފުލާފައިވެއެވެ.

އެއީ، ގަސްތުގައި މީހަކު މެރުމުގެ ކުށުގެ
ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުން އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
އާއިލާއަށް އިހުތިރާމްކުރުމަށް ކަމަށް ބުނެ، ބާކީ ދެ ދައުވާގެ ތަފްސީލެއް ޕީޖީ
އޮފީހުން ހާމައެއް ނުކުރެއެވެ.

އޭނާގެ މައްޗަށް ސާބިތުވެފައިވަނީ އޮރިޔާން ކާޑު
ގެންގުޅުން އަދި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާތައް ސާބިތުވެ
އޭނާ ގެ މައްޗަށް 3 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ.

އެހެންނަމަވެސް ގަސްތުގައި ޝިއާއު މަރާލިކަމުގެ
ތުހުމަތުގައި އުފުލާފައިވާ ބޮޑު ދައުވާއާއި ބާކީ އޮތް 2 ދައުވާގައި އަދި
ޙުކުމްކޮށްފައެއް ނުވެއެވެ. އެ ދައުވާތަކުގައި ޚުލާސާ ބަޔާން އިއްވުން މިހާރު ވަނީ
27 އޭޕްރީލްއަށް ތާވަލުކޮށްފައެވެ.

ޚުލާސާ ބަޔާނަށް ފަހު ދެން އޮންނާނީ އެ
ދައުވާތަކުގައި ޙުކުމް ކުރުމެވެ. އެގޮތުން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ
ދައުވާ ސާހިލްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ބޮޑު އަދަބެއް އަންނާނެއެވެ.

ޝިއާއުގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވެފައިވާ
މައްސަލައެކެވެ. އެ މައްސަލަ ދައުވާކުރުމަށް ފޮނުވަން ވެސް ގިނަ ދުވަސްތަކެއް
ނެގިއެވެ. ފުލުހުން އޭރު ބުނީ އެ މައްސަލައިގެ ތަހުގީގު ލަސްވީ ޝިއާއު މަރާލި
"މޯޓިވް" ނުހޯދިގެން ކަމަށެވެ. ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް
ރިޕޯޓާ ހަވާލާދީ ފުލުހުން މީގެ ކުރިން ބުނެފައި ވަނީ، އޭނާ މަރުވެފައި ވަނީ
ހަށިގަނޑަށް ގަސްތުގައި ދީފައި ހުރި އަނިޔާތަކެއްގެ ސަބަބުން ކަމަށެވެ. އަދި
މަރުވި ފަހުންވެސް ހަށިގަނޑަށް ވަރަށް ގިނަ އަނިޔާތަކެއް ދީފައިވާ ކަމަށްވެސް
ފުލުހުން އޭރު ވަނީ ބުނެފައެވެ.

ޝިއާއުގެ މަރަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި
ހިނގި އެންމެ އަނިޔާވެރި މަރެވެ. އޭނާ މަރާލާފައި އޮއްވައި ފެނުނުއިރު އޮތީ ބޮލާއި
އަތާއި ފައިވެސް ބުރިކޮށްލާފައެވެ.