ކެބިނެޓްގެ 10 ވަޒީރަކު އަންގާރަ ދުވަހު އިސްތިޢުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ. 

10 ވަޒީރަކު އިސްތިއުފާ ދެއްވި އިރު މީގެ ތެރޭގައި ކެބިނެޓުގައި ހިމެނޭ ނުފޫޒުގަދަ ވަޒީރުން ވެސް ހިމެނެ އެވެ. ރައީސް އޮފީހުން ބުނީ 10 ވަޒީރަކު އިސްތިއުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޤަބޫލުފުޅުކުރައްވާފައިވާ ކަމަށެވެ. 

އިސްތިޢުފާދެއްވި 10 ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

އިސްތިޢުފާދެއްވި 10 ވަޒީރުންނަކީ

  1. މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫން
  2. މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލް
  3. މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޡިމް އިބްރާހީމް
  4. މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމް
  5. މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑޮކްޓަރ ޢާއިޝަތު ޝިހާމް
  6. މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖް އާދަމް ނަޞީރު އިބްރާހީމް
  7. މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑޮކްޓަރ މަރްޔަމް މާރިޔާ
  8. މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަޙީދު
  9. މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު
  10. މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު

ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް، ގެންނަވާ ބަދަލެއް އަދި ސަރުކާރު ހިންގަން ގެންނަ ބަދަލެއް ވެސް ހާމަކޮށްފައި ނުވެ އެވެ. 

10 ވަޒީރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެބެންގެދަރި ބޭފުޅެއް ކަމަށްވާ އަދި ރައީސް އޮފީހުގެ މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒްގެ މަގާމުން އަލީ އާރިފް ވަނީ  އިސްތިއުފާ ދެއްވާފަ އެވެ. 

10 ވަޒީރަކު އިސްތިއުފާ ދެއްވާފައިވަނީ، ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކުރަން ނެގި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނެފައި އޮއްވަ އެވެ. މިއާއެކު ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުގެ އިސްވެރިންވެސް ވަނީ މަގާމުން ވަކިކޮށް އަދި އިސްތިއުފާ ވެސް ދީފަ އެވެ. 

އެގޮތުން އާދީއްތަ ދުވަހު ވަނީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރާއި، ފެން ކުންފުނި އެމްޑަބްލިއުއެސްސީ ގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން ވެސް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ނަޖާހު އާއި، އެގްރޯނެޓްގެ އެމްޑީ ހުސައިން ދީދީގެ އިތުރުން، އެމްޕީއެލްގެ އެމްޑީ ރިޝްވާން ވެސް ވަނީ ސަރުކާރުން އަންގައިގެން މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.