މަޖިލިސް
މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތަކުގެ ތެރެއިން އެއް ޙާލަތެއްގެ ގޮތުގައި މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން 'ގާނޫނުގައި' ބަޔާންކުރާ ގޮތުގެ
މަތިން އެ މެންބަރަކު ވަކިވުން ހިމެނޭއިރު، އެ ޙާލަތުގައި ބުނާ ޤާނޫނަކީ އަދި
ވުޖޫދުގައި އޮތް ޤާނޫނެއް ނޫންކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.
މި
އަޑުއެހުމުގައި ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލު
ވިދާޅުވީ، ޤާނޫނުއަސާސީއަށް ގެންނަ އިސްލާޙުތައް ބާތިލު ކުރުމުގެ ބާރު އޮންނަނީ
މަޖިލީހަށް ކަމަށާއި މިއީ ސުޕްރީމް ކޯޓަށް ބެލުމުގެ އިހްތިސާސް ލިބިގެންވާ
މައްސަލައެއް ނޫން ކަމަށެވެ.
އެހެންކަމުން
ފަނޑިޔާރު ޝުޖޫން ވަނީ ޤާނޫނުއަސާސީއަށް ކޮންމެ ކަހަލަ އިސްލާޙެއް މަޖިލީހުން
ގެނައި ނަމަވެސް ސައްޙަވާނެތޯއާއި އެހިސާބުން ޗެކް އެންޑް ބެލެންސް ގެންނާނީ ކިހިނެއްތޯ
ސުވާލު ކުރައްވާފައެވެ.
އެ
ސުވާލުގެ ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ޙާލަތުގައި ވާނެ ގޮތެއް
ޤާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ޤާނޫނާ ޚިލާފު
އިސްލާޙުތައް ދެން އަންނަ މަޖިލީހުން ބާތިލުކޮށްފައި އެބަހުރިކަމަށް ވަކީލު
ވިދާޅުވިއެވެ.
ވަކީލު އެހެން
ވިދާޅުވުމުން ފަނޑިޔާރު ޝުޖޫން ވަނީ ރާއްޖޭގައި އޮންނަނީ ޤާނޫނުގެ ވެރިކަންތޯ މަޖިލީހުގެ
ވެރިކަންތޯ ސުވާލު ކުރައްވާފައެވެ. ރާއްޖޭގައި އޮންނަނީ ޤާނޫނުގެ ވެރިކަންކަން
ދައުލަތުން އެ ސުވާލުގެ ޖަވާބުގައި ފާހަގަ ކުރެއްވިއެވެ.
މަޖިލީހުން ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި ރައްޔިތުންގެ
މަޖިލީހުގެ މެންބަރުކަން ގެއްލޭ ހާލަތްތަކުގެ ތެރޭގައި ހިމެނޭ
އެއް ޙާލަތަކީ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން
'ގާނޫނުގައި' ބަޔާންކުރާ ގޮތުގެ މަތިން އެ މެންބަރަކު ވަކިކުރުމެވެ. ނަމަވެސް އެ މާއްދާގައި ބުނާ ގާނޫނަކީ އަދި ވުޖޫދުނުވާ ގާނޫނެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ދައުލަތުގެ
ވަކީލު ވިދާޅުވި ގޮތުގައި އެހެން ލިޔެފައި އޮތީވެސް މެމްބަރުންނަށް މިނިވަންކަމުގެ
ރައްކާތެރިކަން ދިނުމަށެވެ. އަދި އެއީ މިހާރު ވުޖޫދުގައިވެސް ނެތް ޤާނޫނަކަށްވާއިރު،
ސިޔާސީ ޕާޓީއަށް އެ ބާރު ލިބިފައި އޮތްކަމަށް ބުނެވޭނީ ކިހިނެއްތޯ ވަކީލު ސުވާލު
ކުރެއްވިއެވެ.
އެހެންނަމަވެސް
އިސްލާޙުގައި އޮތީ ޤާނޫނުގައިވާ ގޮތުގެ މަތިން ވަކި ކުރުން ކަމަށްވާއިރު، މި
ޙާލަތުގައި އަމަލުކުރާނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށްކަމަށް ދޭހަ ކުރެވޭކަމަށް
މައްސަލަ ހުށަހެޅި ފަރާތުން ދެކެއެވެ.
މައްސަލަ
ހުށަހެޅި ފަރާތުން ފާހަގަކުރި ގޮތުގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައި
ނުވަތަ އިސްލާހު ހިމެނޭ ބިލުގައި އެ އިސްލާހާ ގުޅޭ ގޮތުން
ކުރަން ޖެހޭ އިތުރު ކަމެއް އޮތްނަމަ އެކަމެއްގެ ވާހަކަ ބަޔާންކުރާނެއެވެ. މިސާލަކަށް
ޤާނޫނުގެ ދަށުން ޤަވާއިދެއް ހަދަންޖެހޭނަމަ ނުވަތަ އިތުރު ޤާނޫނެއް ގެންނަންޖެހޭނަމަ
އެކަމެއް ބަޔާންކޮށްފައި އޮންނާނެއެވެ.
އެހެންކަމުން
އެއީ ކުރިއަށް އޮތް ތަނުގައި އަންނަން
އޮތް ގާނޫނެއް ގޮތުގައި ބެލެވެން
ނެތް ކަމަށާއި، މި ވަގުތު ޕާޓީއަކުން މެންބަރުން ވަކިކުރެވޭނެކަން ބަޔާންކުރަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ކަމަށް ވަކީލު ވިދާޅުވިއެވެ.