ޤާނޫނުއަސާސީގެ
އަސާސީ އޮނިގަނޑުގެ ވާހަކަ ކަނޑައެޅިގެން ލިޔެވިފައި ނެތްކަމަށް ބުނެ ދައުލަތުން
ދައްކަމުން ގެންދަނީ ޤާނޫނީ ގޮތުން ބުރަދަނެއް ނެތް ފެން ނުހިފޭ ވާހަކަތަކެއްކަމަށް
ޤާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން
ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތައް
ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް
ހުށައެޅި މައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރުން ކުރެއްވި ސުވާލުތަކާ ގުޅޭގޮތުން
ވާހަކަ ދައްކަވަމުންނެވެ.

މި
މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ހުށަހެޅިއިރު ވަގުތީ ދެ އަމުރެއް
ނެރެދިނުމަށް ވެސް އެދިފައިވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ މައްސަލަ ކޯޓުން
ނިންމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު މަގާމުން ވަކިކުރުމާ ބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށްދީ ވަގުތީ
އަމުރެއް ނެރެދިނުމަށް އެދިފައިވާ ހުށަހެޅުމެވެ.

ދެވަނަ
އަމުރެއްގެ ގޮތުގައި އޭރު އެދިފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް ތަހުގީގެއް
ހިންގައި ފަނޑިޔާރުން ވަކި ކުރުމާ ގުޅޭ އެއްވެސް އިޖުރާއަތެއް ކުރިއަށް
ނުގެންދިއުމަށް އަމުރު ކޮށްދިނުމަށެވެ. އޭރު އެ ހުށަހެޅުން ހުށަހެޅީ މި މައްސަލަ
ހުށަހެޅުނު ހިސާބުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގެ އަދަދު މަދު ކުރުމަށް ބިލެއް
ހުށަހަޅައި، ފަނޑިޔާރުންތަކެއް ވަކި ކުރަން އުޅޭކަމުގެ އަޑު ގަދަވެފައި
ވަނިކޮށެވެ.

އެހެންނަމަ ވެސް
ވަގުތީ އަމުރާމެދު ގޮތެއް ނުނިމި އުޅެނިކޮށް އޭރު މައްސަލަ ބެއްލެވި ބެންޗު ވެސް
ވަނީ މުޅިން ބަދަލުކޮށްފައެވެ. އަދި އޭރު ތިއްބެވި ފަނޑިޔާރުން ވެސް ވަނީ އެކި
ސަބަބުތައް ދައްކައި މަޤާމުން ވަކިކޮށްފައެވެ.

ވަގުތީ
އަމުރަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، މި ދެ އަމުރު ނެރެދޭން ޖެހޭ
ޤާނޫނީ ސަބަބުތަކެއް މައްސަލަ ހުށަހެޅި ފަރާތަށް ދެއްކިފައިނުވާ ކަމަށެވެ.

ދައުލަތުގެ
ވަކީލު ވިދާޅުވީ، ވަގުތީ އަމުރު ނެރުމަށް 3 ޝަރުތެއް ފުރިހަމަވާން ޖެހޭ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ މިއީ ދުސްތޫރީ ބަހުސެއް އެކުލެވިފައިވާ މައްސަލައަކަށް
ވުމާއި، މައްސަލައިގެ ފައިސަލާ ކުރަނިވި ޙުކުމަކަށް ދާންވާއިރަށް މައްސަލައިގެ
މުއާލާތް ކެނޑޭ ބާވަތުގެ ކަމަކަށްވުމާއި، މިއީ އާންމު މަސްލަޙަތަށްޓަކައި
ނެރެދިނުން ކޮންމެހެން ލާޒިމު އަމުރަކަށް ވުމެވެ.

ދައުލަތުން
ދެކޭ ގޮތުގައި މައްސަލަ ހުށަހެޅި ފަރާތުގެ ދެ ހުށަހެޅުމުގައި ވެސް އެ ޝަރުތުތައް
ހަމައެއް ނުވެއެވެ.

އެއަށް ފަހު
ޝަރީއަތުން ސާފުކުރަން ހުރި ކަންކަން ވަނީ ސާފު ކުރައްވާފައެވެ. އެގޮތުން ފަނޑިޔާރު
ޝުޖޫން ކުރެއްވި ބައެއް ސުވާލުތަކުގެ ޖަވާބު ދެއްވަމުން މައްސަލަ ހުށަހެޅުއްވި
އަލީ ހުސައިން ވިދާޅުވީ، މިހާރު އިސްލާޙު އޮތް ގޮތުން މީހަކު އަމިއްލައަށް ސިޔާސީ
ޕާޓީއަކުން ވަކިވި ނަމަވެސް އެމީހެއްގެ ގޮނޑި ގެއްލޭ ކަމަށާއި، އެއީ ޤާނޫނުއަސާސީގެ
އަސާސީ އޮނިގަނޑާ ޚިލާފު ކަމެއް ކަމަށެވެ. ސަބަބަކީ ރިޔާސީ ނިޒާމެއްގައި މަޖިލިސް
މެމްބަރުންނަށް އެމީހުންގެ މިނިވަންކަން ލިބިފައި އޮތުމަކީ ޤާނޫނުއަސާސީގެ އެންމެ އަސާސީ
އެއް ސިފަކަން އޭނާ ފާހަގަ ކުރެއްވިއެވެ.  

އަލީ
ހުސައިން ވިދާޅުވީ، ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑުގެ ވާހަކަ ކަނޑައެޅިގެން
ލިޔެވިފައި ނެތްކަމަށް ބުނެ ދައުލަތުން ދައްކަމުން ގެންދަނީ ޤާނޫނީ ގޮތުން
ބުރަދަނެއް ނެތް ފެން ނުހިފޭ ވާހަކަތަކެކެވެ.

  ޤާނޫނުއަސާސީގައި ކެޓެގަރިކަލީ ލިޔެފައި ނެތް ކަމެކޭ ބޭސިކް ސްޓްރަކްޗަރ އޮފް ކޮންސްޓިޓިއުޝަން އަކީ ކިޔައިގެން ދައްކާ ވާހަކަތަކަކީ އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި އެއީ ޤާނޫނީ ގޮތުން ބުރަދަނެއް ހުރި އަދި ފެން ހިފޭ ވާހަކައެއް ނޫން
ޤާނޫނީ ވަކީލު އަލީ ހުސައިން

ހަމައެއާއެކު،
މިހާރު ތިއްބެވި މަޖިލިސް މެމްބަރުންގެ މައްޗަށް މި ޤާނޫނު ހިންގާނަމަ އެއީ
ރަޖުއީކޮށް ތަތުބީޤު ކުރުންކަން ފާހަގަ ކުރައްވައި އަލީ ހުސައިން ވިދާޅުވީ، ރައްޔިތުން
ވޯޓުލި އިރު ނެތް ހާލަތެއް ގެނެސް، ރައްޔިތުންގެ ޙައްޤަށް ވެސް އިތުރު އުނިކަމެއް
މި އިސްލާޙުގެ ސަބަބުން އަންނާނެ ކަމަށެވެ.