ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބިލަކަށް ބަހުސް ކުރައްވަމުން ދަނިކޮށް، މެންބަރުގެ ވާހަކައަށް ހުރަސް އަޅުއްވައި ހިނިފުޅުވެޑުވުމުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އަށް މީކާއިލް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވާފައިވާ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

އެ ބިލަށް މެންބަރު މީކާއިލް ބަހުސް ކުރައްވަމުން ދަނިކޮށް މެންބަރު ރިފާއު ވަނީ މީކާއިލް ގެ ވާހަކައަށް ހުރަސްއަޅުއްވައި ތަޅުމުގައި އަޑުގަދަ ކުރައްވާފަ އެވެ. އެކަމަށް ރައްދު ދެއްވައި މީކާއިލް ވިދާޅުވީ އޭނާ ދައްކަވާނެ ވާހަކަ އެނގިވަޑައިގަންނަވާނީ އޭނާ އަށް ކަމަށެވެ. އެމްޑީޕީ ގެ މެންބަރުން ދައްކަވާ ވާހަކަ ރައްޔިތުން އަޑުއަހާފައިވާ ކަމަށާއި އެކަން ދާދި ފަހުން ބޭއްވި އިންތިޚާބުން ވެސް ހާމަވެފައިވާ ކަމަށެވެ.

ޚާއްސަކޮށް މެންބަރު ރިފާއުގެ ދާއިރާ އިން ވެސް އެކަން ހާމަވެފައިވާ ކަމަށް މީކާއިލް ވިދާޅުވި އެވެ. އެހެން ކަމުން ރިފާއު އަށް މީކާއިލް ވިދާޅުވީ އެހެން މެންބަރުން ދައްކަވާ ވާހަކަ އާއި، ރައްޔިތުންގެ ވާހަކަ ވެސް އަޑުއެއްސެވުމަށެވެ.  

ރައްޔިތުންގެ ފުރާނައާ ގުޅުން ހުރި، ރޯޑް ސޭފްޓީއާ ގުޅުންހުރި އެފަދަ ބިލުތަކަށް މެންބަރުން ބަހުސް ކުރުން ހުއްޓުވުމަށް މަސައްކަތް ކުރެއްވުމުގެ ބަދަލުގައި ރިފާއު ވެސް މަސައްކަތް ކުރައްވަނީ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް މަޖިލީހަށް ގެންނެވުމަށް ކަމަށް މީކާއިލް ވިދާޅުވި އެވެ.  

އެއާއެކު މެންބަރު މީކާއިލް ގެ ވާހަކައަށް ރިފާއު ވަނީ ހިނިފުޅުވަޑުވާފަ އެވެ. އެކަމަށް ވެސް ވަރުގަދަ ރައްދެއް ދެއްވާ މީކާއިލް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އަށް ބަލާއިރު ރައްޔިތުން ދަނީ މެންބަރަށް އަމާޒުކޮށް ހެމުން ކަމަށް މީކާއިލް ވިދާޅުވި އެވެ. 

ނަތީޖާއިން ރައްޔިތުން ދަނީ ހިނިފުޅުވަޑުވަމުން. މާފަންނު ދެކުނު ދާއިރާގެ ރައްޔިތުން އެ ނަތީޖާ އިން ދަނީ  ހިނިފުޅުވަޑުވަމުން މެންބަރާ ދިމާއަށް. ވަޒީފާ ބަހައިގެން މިފަހަރު އިންތިޚާބު ކާމިޔާބު ކުރެވުނު ތޯ؟ ސަރުކާރުގެ އާރާ ބާރާ ނުފޫޒުން މި އިންތިޚާބު ކާމިޔާބު ކުރެވުނު ތޯ؟ 
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު

ދެންވެސް މެންބަރު ރިފާއު ވަނީ މެންބަރު މީކާއިލްގެ ވާހައަކަށް ހުރަސްއަޅުއްވާފަ އެވެ. އެއާއެކު ރިޔާސަތުން ވަނީ ރިފާއު މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރި ކޮށް ހިތުމަށް ނަސޭހަތްތެރިވެފަ އެވެ. 

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ އާންމު ރައްޔިތު މީހާގެ ފުރާނަ ރައްކާތެރި ކުރަން ގާނޫނުލް އުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލެއްގެ މަސައްކަތް ޖުޑީޝިއަރީ ކޮމިޓީގައި ކުރިއަށް ދާތާ 9 މަސް ދުވަސް ވެފައިވާއިރު ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މި މަޖިލީހަށް މިފަދަ އަސާސީ އެއްވެސް ބިލެއް މުހިއްމު ނުވާ ކަމަށެވެ.