މާލޭ
ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ބޯޑު މެންބަރުކަމަށާއި
މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ކުރިން ސްޓެލްކޯގެ އެމްޑީއަކަށް ހުންނެވި ޙުސައިން ފަހުމީ އައްޔަންކުރައްވައިފިއެވެ.
އެމްޑަބްލިއުއެސްސީގެ
އެމްޑީގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުންނެވި އަބްދުލްމަތީން އިސްތިއުފާ
ދެއްވުމާ ގުޅިގެންނެވެ.
މަތީނު
މަގާމުން އިސްތިއުފާ ދެއްވީ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ.
އިސްތިއުފާ ދެއްވި ސަބަބެއް ހާމަ ނުކުރައްވަ އެވެ. އެކްސްގައި ކުރެއްވި
ޕޯސްޓެއްގައި މަތީން ވިދާޅުވި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުގެ
މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.
މިހާރު
އެ މަޤާމަށް އައްޔަނު ކޮށްފައިވާ ފަހުމީ ކުރިން ސްޓެލްކޯގެ އެމްޑީގެ މަޤާމުގައި ހުންނަވަނިކޮށް
ވަކި ކުރެއްވުމަށް ފަހު އޭރު އޭނާ އައްޔަނު ކުރެއްވީ ރައީސް އޮފީހުގެ އިސް
މަޤާމަކަށެވެ. އެއީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އޮން ޕޮލިސީ އެންޑް
މެނިފެސްޓޯގެ މަޤާމެވެ.
ރައީސް
ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް
ސެކްރެޓަރީންގެ މަގާމަކީ މިނިސްޓަރުން ފެންވަރުގެ މަގާމުތަކެކެވެ. މި މަގާމަށް އޭރު
ފަހުމީ އައްޔަނު ކޮށްފައި ވަނީ ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރިތާ 24
ގަޑިއިރު ނުވަނީސްއެވެ.
އޭރު ފަހުމީ
ވަކި ކުރެއްވުމަށްފަހު ސްޓެލްކޯގެ އެމްޑީއަކަށް އައްޔަނު ކުރެއްވީ މިފްކޯގެ އެމްޑީކަމުން
ވަކި ކުރެއްވި އަހްމަދު ޝަމާހް ރަޝީދުއެވެ. ނަމަ ވެސް ސްޓެލްކޯގެ އެމްޑީގެ މަގާމަށް
އައްޔަން ކުރިތާ 5 މަސް ވެސް ނުވަނީސް ޝަމާހު ވަކިކޮށްފައިވާއިރު، އޭރު އޭނާ އެ
މަގާމުން ވަކި ކުރީ ބޮޑު ތުހުމަތެއް ކޮށް، އެއްމަސް ވަންދެން ސަސްޕެންޝަނުގައި
ބެހެއްޓުމަށް ފަހުގަ އެވެ.
ސަރުކާރުގެ
ވިޔަފާރި ކުންފުނިތަކުގެ ހިންގުމަށް މިފަހުން ބޮޑެތި ބަދަލުތަކެއް ދަނީ
އަންނަމުންނެވެ. މި ސަރުކާރު ފެށުނު ފަހުން ކުންފުނިތަކުގެ ހިންގުމަށް ދޭތެރެ
ދޭތެރެއިން މި ބަދަލުތައް އަންނަމުންދާކަން ފާހަގަ ކުރެވެއެވެ. މިހާރުވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުގައި ވެރިއަކު ނެތި، އެ މަގާމު ހުހަށް ހުންނަތާ ދުވަސްތަކެއް ފާއިތުވެފައިވާ ކުންފުނިތައްވެސް އެބަހުއްޓެވެ.
އޭގެ ތެރޭގައި ސްޓެލްކޯ، ފެނަކަ ކޯޕަރޭޝަން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، އެގްރޯ ނެޝަނަލް ކޯޕަރޭޝަން އަދި މިފްކޯ ހިމެނެއެވެ.