މި ސަރުކާރުން ދަނީ ދަރަނި ދައްކަންވެސް ދަރަނި ނަގަމުން ކަމަށް އިދިކޮޅު އެމްޑީޕީ އިން ބުނެފި އެވެ.
އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ރިޔާސީ ބަޔާނަށް އެމްޑީޕީގެ ފަރާތުން ދޭ ޖަވާބު އިއްވާފަ އެވެ.
ރިޔާސީ ބަޔާނަށް ޖަވާބުދެއްވަމުން ނާޒިލް ވިދާޅުވީ މި ސަރުކާރަކީ ކުރީގެ ސަރުކާރުން ލޯނުތައް ނެގިކަމަށް ބުނެ އެކަމަށް ފާޑު ކިޔަމުން ވެރިކަމާ
ހަވާލުވި ސަރުކާރެއް ކަމަށެވެ.
އެގޮތުން ދަރަނި ނުނަގާ ގައުމު ހިންގަން އެނގިވަޑައިގަންނަވާ ކަމަށް، މިހާރުގެ
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށާ އެހެން ނަމަވެސް، އެހެން އެއްވެސް ސަރުކާރަކުން މިހައި ކުރު މުއްދަތެއްގެ
ތެރޭގައި ނުނަގާ ވަރަށް މި ސަރުކާރުން ދަރަނި ނަގާފައިވާ ކަމަށް މެންބަރު ވިދާޅުވި އެވެ.
ދަރަނި ދައްކަންވެސް ދަރަނި ނަގަމުން އެބަދޭ. ދަރަނި ނަގައިގެން ކުރާ ކަމެއް ފެންނާކަށް ނެތް. ދައުލަތައް ލިބޭ އާއްމުދަނީން ދެކޮޅު ނުޖެހި، އިތުރަށް ދަރަނި ނަގަންޖެހިގެން
އުޅޭނީ ސަރުކާރުގެ އިސްރާފު ބޮޑުކަމުން. މިސާލަކަށް ދަންނަވާނަމަ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގައި
އެންމެ ފައިދާވާ އެންމެ ބޮޑު ވިޔަފާރި ހަރަކާތް. އެތައް މިލިއަން މިލިއަން ޑޮލަރެއް އެތަނަށް ލިބޭ. އެހެން ނަމަވެސް، ދާދި ފަހުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ޑިއުޓީ ފްރީ
ހަދަން ނެގި ލޯނު އަނބުރާ ދެއްކުމަށް 40 މިލިއަން ޑޮލަރުގެ އެހެން ލޯނެއް
ނެގިތަން.މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
މެންބަރު ވިދާޅުވީ ވީއައިއޭ އަކީ ރާއްޖޭގައި އެންމެ ފައިދާވާ، އެންމެ ބޮޑު ވިޔަފާރި ހަރަކާތް ކަމަށާއި، އެއީ އެތައް މިލިއަން ޑޮލަރެއް ލިބޭ ތަނަކަށް ވާއިރު ލޯނު ދެއްކުމަށް އެހެން ލޯނެއް ނަގާފައިވާއިރު އެ ކުންފުންޏަށް ލިބޭހާ ފައިސާ އަށް ކުރަނީ ކީއްތޯ ސުވާލު އުފައްދަން ޖެހޭ ކަމަށެވެ. މިކަންކަމުގައި މި ސަރުކާރުން މި ދައުލަތުގެ ހަގީގީ ވެރިން ކަމުގައިވާ ރައްޔިތުންނަށް ފުރިހަމަށް ޖަވާބުދާރީވާން
ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީ އިން ރިޔާސީ ބަޔާނަށް ދިން ޖަވާބު އިއްވަވަމުން ނާޒިލް ވިދާޅުވީ ޕްލާސްޓިކް ކޮތަޅުން ނަގާ 2 ރުފިޔާގެ ފީ އަދިވެސް ނަގަމުން ދާކަމަށެވެ. މި ސަރުކާރަކީ އެކަމާ ދެކޮޅު ހަދާ މަލާމާތްކުރި ބޭފުޅުންގެ ސަރުކާރެއް ކަމަށާ ކޮތަޅުން ފީ ނަގަންފެށި ސަރުކާރު މިހާރު ނެތް ކަމަށް ވެސް ނާޒިލް ވިދާޅުވި އެވެ.
މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ ސަރުކާރު ހިންގާ ޕީއެންސީ އަށް ކަން ފާހަގަ ކުރައްވާ ނާޒިލް ވިދާޅުވީ ސަރުކާރަށް 2 އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރުވެސް، ކޮތަޅުން
ނަގަން ފެށި ފީ ކަނޑާލަން ނޫޅޭ ކަމަށެވެ.
ނާޒިލް ވިދާޅުވީ ޑިވެލޮޕްމެންޓް
ބޭންކާއި ބަންކަރިންގެ
ހިނދުމަތުން ލިބޭނެކަމަށް އަންދާޒާކުރި 400 މިލިއަން ޑޮލަރާއި، ހުޅުލެއާއި
ހުޅުމާލެ އާއި ފުލްމޫން ރިސޯޓާއެކު މޮނޮރެއިލްއަކުން ގުޅާލައިގެން ފުނަދޫގައި ހަދާ
ފައިނެންޝަލް ސެންޓަރާއި، މާލެއާއި
ރަސްމާލެ ގުޅާލާ އަންޑަވޯޓަރ ޓަނަލުން ދަތުރުކުރާއިރު ފެންނަ ހިތްގައި
މަންޒަރުތަކާއި، އިގްތިސާދީ
އެކި ކުލަކުލައިގެ ސިގްނަލްތަކުގެ ތަފްސީލު މި ފަހަރުގެ ރިޔާސީ ބަޔާނުގައި ނެތް ކަމަށާ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
އެ
ކަންކަމުގެ އެންމެ ފަހުގެ ތަފްސީލު މަޖިލީހަށާއި ރައްޔިތުންނަށް ދިނުމަކީ ސަރުކާރަށް ލާޒިމުކަމެއް ކަމަށް ވެސް ރިޔާސީ ބަޔާނުގެ ޖަވާބު އިއްވަވަމުން ނާޒިލް ވިދާޅުވި އެވެ.
އޭގެ އިތުރުން ޑޮލަރުގެ އަގު ދެން މައްޗަށް ނާރަނެކަމަށް ވިދާޅުވިފަހުން ޑޮލަރުގެ އަގު މަތިވަމުންދާ ކަމަށާ އެންމެ ލާރިއެއްވެސް ދަށް ނުވާ އިރު، މި ސަރުކާރުން ޑޮލަރު މާރުކުރަން މަޖުބޫރު ކޮށްފައިވާއިރު އެކަން ކޮށްގެން ވެސް މައްސަލަ ހައްލުނުވެ، ހާލަތު
އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާ ކަމަށް ނާޒިލް ވަނީ ވިދާޅުވެފަ އެވެ.
އެމްޑީޕީ އިން ބުނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމިކަން 2024 ޖޫން 27 ގައި ރައީސް އިއުލާނު ކޮށްފައިވާއިރު ބޮޑު ޚަރަދުކޮށްގެން މިހައި ގިނަ ރަސްމިއްޔާތާއި ހަފްލާ ބޭއްވި ސަރުކާރެއް އަދި ނާންނަ ކަމަށެވެ.
ބޭކާރު އެތައް ހަރަދެއް ކޮށް، ރައްޔިތުންގެ ފައިސާ އިސްރާފުކޮށްލުމަށްފަހު،
އަދި ފަހަށް ރައްކާކޮށްފައި ހުންނަ ރިޒާވް ފައިސާ ނަގައި ހުސްކުރުމަށްފަހު، ކޮންކޮންމެ
އަހަރަކު މަސައްކަތްކުރަނީ ރިޒާވް އިތުރުވެފައިވާކަމަށް ދެއްކުމަށް. ސޮވްރިން ޑިވެލޮޕް ފަންޑާއި، އެމްއެމްއޭ އިން ބޭންކްތަކުގައި
ބަހައްޓައިފައި ހުންނަ ޑިޕޮސިޓާއި މި ފަދަ އެތައް އަދަދެއް އެއްކޮށްގެން ރިޕޯޓެއް
ހަދައިގެން ނެރެނީ، ޔޫސަބަލް ރިޒާވް މަތިކަމަށް ދެއްކުމަށް.މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
ނާޒިލް ވިދާޅުވީ މިހުރިހާ ކަމަކުން ހާމަވަނީ ހަރަދު ކުޑަކުރާނެ ކަމަށް ބުނާ ބަހުގެ އިހުލާސްތެރިކަމެއް ނެތްކަން ކަމަށެވެ.
އާމްދަނީ
އާއި ހަރަދު ތަކުގެ ތަފްސީލު ބަރާބަރަށް ހާމަކުރަމުން އައި ސަގާފަތް މި ސަރުކާރުން ހުއްޓާލާފައިވާއިރު، ސޮވްރިން ޑިވެލޮޕް ފަންޑްގެ މިހާރުގެ ބެލެންސް، ޔޫސަބަލް ރިޒާވް، ގްރޮސް ރިޒާވް، އަދި ފޮރިން އެކްސްޗޭންޗް ރިޒާވްގައި ހުރި ފައިސާގެ ތަފްސީލު ވަކިވަކިން ރައްޔިތުންނަށް އެއްފަހަރާ ހާމަކޮށްދިނުމަށް އެމްޑީޕީ އިން ވަނީ ގޮވާލާފަ އެވެ.