2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަކީ، 2024 ވަނަ އަހަރާއި 2025 އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް ކަމަށް އިދިކޮޅު އެމްޑީޕީ އިން ބުނެފި އެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ރިޔާސީ ބަޔާނަށް އެމްޑީޕީގެ ފަރާތުން ދޭ ޖަވާބު އިއްވާފަ އެވެ. 

ރިޔާސީ ބަޔާނަށް ޖަވާބުދެއްވަމުން ނާޒިލް ވިދާޅުވީ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނަށް ދޭން އެންމެ އެކަށޭނަ، އެންމެ ސާދަ ރައްދަކީ ގާނޫނު އަސާސީގައި އެކަށައަޅައި
ލާޒިމުކޮށްފައިވާ މިންވަރު އެ ބަޔާނުގައި ފުރިހަމަނުވާ ކަން ކަމަށެވެ. 

ނާޒިލް ވިދާޅުވީ އެ ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ބަޔާންކޮށްދީފައި ނުވާ ކަމަށެވެ. އަދި ގައުމުގެ ހާލަތު އިތުރަށް
ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ފެންނަ ކަންކަން ބުނެފައި ނުވާ ކަމަށެވެ. 

މިހެންކަމުން، އަޅުގަނޑު ދަންނަވަން ޖެހެނީ، 2026 ވަނަ އަހަރުގެ ރިޔާސީ
ބަޔާނަކީ، 2024 ވަނަ އަހަރާއި 2025 އަހަރުގެ ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް
ކަމަށް. ކުލަ ނެތް ކޮޕީއެއްކަމަށް މި ދަންނަވަނީ، ފާއިތުވި 2 އަހަރު މި މަޖިލީހުގައި،
ތިޔަ އިއްޒަތްތެރި މެންބަރުންގެ ކުރިފުޅުމަތީގައި އަދި މުޅި ރާއްޖޭގެ
ރައްޔިތުންނަށް އަޑު އިވޭނޭހެން ވިދާޅުވި، ހުވަފެނީ ވާހަކަތަކެއް އެހެން ގޮތަކަށް
ބަދަލުކޮށްގެން އަނެއްކާވެސް މި އޮތީ މި މަޖިލީހަށް އިއްވާފައި.
މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ރިޔާސީ ބަޔާނަށް ދެއްވާ ޖަވާބު އިއްވަވަމުން ނާޒިލް ވިދާޅުވީ ރައީސް ކުރައްވާނެ ކަމަށް ވިދާޅުވި އެއްވެސް ކަމެއް ކުރައްވާފައި ނުވާއިރު އައު ތާރީޚުތަކެއް ދެއްވައި، އައު ހުވަފެންތަކެއް ދެއްކެވި ކަމަށެވެ. ނަމަވެސް ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގެ ވާހަކައާއި އެކަންކަން ރަނގަޅުކުރަން
ސަރުކާރުން ގެންގުޅޭނެ ސިޔާސަތެއް ބުނެދެވިފައި ނުވާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

މިހާރު މިއޮތް ޕީއެންސީގެ ސަރުކާރަކީ ރާއްޖޭގެ ތާރިހުގައި ނުފެންނަވަރުގެ ނާގާބިލު ސަރުކާރެއް ކަމަށް ވިދާޅުވެ ނާޒިލް ވިދާޅުވީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑުތަނުން ފެއިލް ވެފައިވާ ކަމަށެވެ. މިކަންކަން ފޮރުވުމަށް ކުރިއަށް ނެރެނީ ރައްޔިތުންނަށް
ދޮގު ހެދުމާއި އޮޅުވާލުން ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. 

ނާޒިލް ވިދާޅުވީ ދެ
ގަޑިއިރުގެ ދިގު ތަގުރީރުގައި ކިތަންމެ ދިވެހި ބަތޮލުންގެ ނަން ގެންނެވިޔަސް، ސަރުކާރުގެ
ނާގާބިލުކަން ނުފޮރުވޭނެ ކަމަށެވެ. ރާއްޖޭގެ ހާލަތު މިއަދު ރައްޔިތުންނަށް ފެންނަ ކަމަށާ ރައްޔިތުން
ތަހައްމަލު ކުރަމުންގެންދާ ދެރަ ހާލަތު އެ ރައްޔިތުންނަށް އޮޅުވައިނުލެވޭނެ ކަމަށެވެ. 

ރިޔާސީ ބަޔާނަށް ދިން ޖަވާބުގައި އެމްޑީޕީ އިން ވަނީ ރާއްޖޭގެ ސިއްހީ ހާލަތު މިއަދު ދަށަށް ގޮސްފައިވާ މިންވަރު ރައްޔިތުންގެ ފަރާތުން އިވެމުންދާ ކަން ފާހަގަ ކޮށް، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިހާތަނަށް ވެސް މި ސަރުކާރުން މަސައްކަތެއް ކޮށްފައި ނުވާއިރު ގައުމުގެ މާލީ ހާލަތާ އިގްތިސާދީ ހާލަތު ދަށަށް ގޮސްފައިވާ ކަން ވެސް ފާހަގަ ކޮށްފަ އެވެ. 

އޭގެ އިތުރުން މިއަދު ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ސަބަބުން ގައުމުގެ ނަން ހަޑިވެ، ގުޅުންތައް ހީނަރުވެފައިވާ ކަން ވެސް އެ ޖަވާބުގައި ފާހަގަ ކޮށްފައިވެ އެވެ.

ނާޒިލް ވިދާޅުވީ ގައުމުގެ ހާލަތު ބަޔާންކޮށްދީ ހާލަތު އިތުރަށް ރަނގަޅު
ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސް އަށް ފެންނަ ކަންތައްތަކުގެ
މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް މަޖިލީހަށް އިއްވުމަށް
ލާޒިމުކޮށްފައި ވީނަމަވެސް އެކަން އެ ގޮތަށް ނުކުރައްވާ ކުލަނެތް ހުވަފެންތަކެއް މަޖިލީހަށް ހުށަހެޅުއްވީތީ ހިތާމަކުރައްވާ ކަމަށެވެ.