ސީލައިފްގެ ޚިޔާނާތާ ގުޅިގެން އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ)ގެ މައްޗަށް އުފުލި ދަޢުވާތައް ސާބިތުނުވާކަމަށް ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. 


އޭނާ ގެ މައްޗަށް ހުށަހެޅުނު ދައުވާގައި ބުނެފައިވަނީ، ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިން ހާސް) ހައުސިންގ ޔުނިޓް އެޅުމަށް ސީ ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރުމުން، ހައުސިންގ ޔުނިޓުތައް އެޅުމަށް ދީފައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަ ނުކޮށް މަކަރާއި ޙީލަތުން އެކި މީހުންގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގާފައިވާކަމަށެވެ. 

އެހެންކަމުން އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ދައުވާ ހުށަހެޅީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގެ (ހ) އާއި، އެ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ޚިޔާނާތްތެރިވުމުގެ ކުށުގެ 42 (ސާޅީސް ދޭއް) ދަޢުވާއެވެ. އެ ދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހެޅީ 30 މޭ 2021 ގައެވެ.

އެހެންނަމަ ވެސް މި މައްސަލައިގެ ޝަރީޢަތް ހިންގުމަށް ފަހު، ދަޢުވާތައް ސާބިތުނުވާކަމަށް 9 އެޕްރީލް 2026 ދުވަހު ކްރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ.

ދަޢުވާތައް ސާބިތުނުވާކަމަށް ނިންމި މައިގަނޑު ސަބަބެއް ކަމަށް ބުނެފައި ވަނީ މި ދަޢުވާތަކަކީ މަދަނީ ޠަބީޢަތުގެ ދަޢުވާތަކެއްކަމަށް ވުމެވެ. އަދި އަޙްމަދު މޫސާ މުޙައްމަދުގެ މި ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އަޅަންޖެހެނީ މަދަނީ ޢަދުލުގެ ނިޒާމުގެ ތެރެއިންކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރަށް ފެނިވަޑައިއިގަންނަވާ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލާގައި އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކަކީ، ޤާނޫނުލްޢުޤޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް ފުރިހަމަވާ ދަޢުވާތަކެއްކަމަށް ޕީޖީ އޮފީހުން ގަބޫލުކުރެ އެވެ.

މިއީ މަދަނީ ޠަބީޢަތުގެ މުޢާމަލާތްތަކެއްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ މި ދަޢުވާތައް ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރުމާ ނުލާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ. އަދި ޤާނޫނުގައި ޚިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅުނޫން މާނަކުރުމެއް ދީގެންކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.

އެހެންކަމުން، މި ދަޢުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މިހާރު ވަނީ އިސްތިއުނާފު ކޮށްފައެވެ. 

ޕީޖީ އޮފީހުން  ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވާނީ މި މައްސަލައިގެ ހެކި ޤަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މިއީ މަދަނީ ޠަބީޢަތުގެ މައްސަލައެއްކަމަށް ކޯޓުން ކަނޑައަޅުއްވާފައިވަނީ އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ޢުންޞުރުތައް މާނަކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވައި، މި ދަޢުވާތައް ސާބިތުވާކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ. 

މީގެ އިތުރުން، މައްސަލައިގެ އިސްތިއުނާފު މަރުޙަލާ ނިމެންދެން އަޙްމަދު މޫސާ މުޙައްމަދު ދިވެހިރާއްޖެއިން ފުރުން މަނާކުރުމުގެ އަމުރަކަށް އެދި އެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، 13 އެޕްރީލް 2026 ދުވަހު އަޙްމަދު މުސާ މުޙައްމަދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރުއްވާފައިވެއެވެ.