ފީއަލީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރިއަށްދާ ތަހުގީގާއި، އެކަމާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ ވަފުދެއް ފ. ފީއަލީ ކައުންސިލާ ބައްދަލުކޮށްފި އެވެ.

2026 އޭޕްރީލް 11 ވަނަ ދުވަހު ފީއަލީ ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން އިސްކޮށް ބައިވެރިވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒުހާނެވެ. މި ބައްދަލުވުމުގައި ފުލުހުންގެ އިސް ބައެއް ބޭފުޅުންނާއި ފީއަލީ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި ފުލުހުން ވަނީ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، މި މައްސަލައަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފަ އެވެ. އެގޮތުން ރަށުގައި ތިބި ފުލުހުންގެ އިތުރުން މާލެއިން ދިޔަ ހާއްސަ ތަހުގީގު ޓީމަކުން މިހާރުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރި އެވެ.

މީގެއިތުރުން، މިފަދަ ހާދިސާތަކާ ގުޅިގެން އެކި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފުލުހުން ފާހަގަކުރި އެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތައް މަދުކުރުމަށާއި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލި އެވެ.

ހާދިސާ ހިނގި ވަގުތު ފީއަލީގެ ރައްޔިތުންގެ ފަރާތުން ލިބުނު ބޮޑު އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ފުލުހުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފަ އެވެ. ހާއްސަކޮށް، ހާދިސާ ކޮންޓްރޯލް ކުރުމުގައާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގައި ރައްޔިތުން ދެއްކި ނަމޫނާ ފުލުހުން ފާހަގަކުރި އެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފީއަލީ ކައުންސިލުން ވަނީ، ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާއި އެހެނިހެން އިދާރާތަކުން ހަރަކާތްތެރިވެ، ހާދިސާ އިތުރަށް ގޯސްވިޔަނުދީ ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތް ފާހަގަކޮށް، އެ ފަރާތްތަކަށް ތައުރީފުކޮށްފަ އެވެ.

ކައުންސިލުން ވަނީ މި ހާދިސާގެ ސަބަބުން އުޅަނދުފަހަރަށާއި ރަށުގެ އުމްރާނީ ވަސީލަތްތަކަށް ލިބުނު ގެއްލުންތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ކުރާ ތަހުގީގު ވީހާވެސް އަވަހަށް ނިންމުމުގެ މުހިންމުކަން ވެސް ކައުންސިލުން ފާހަގަކުރެއްވި އެވެ.

މި މައްސަލައިގެ ތަހުގީގާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ހިއްސާކުރަމުންދާނެ ކަމަށާއި، އަދި ހާދިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށާއި ރައްކާތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އިތުރު މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް މި ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.