ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ވަނަ އަހަރުގެ ޖޫން 06 ވާ ހޮނިހިރު ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ހުކުމްކުރުމާ ގުޅިގެން ބާއްވާ އިންތިޚާބެކެވެ.

ކޮމިޝަނުން ބުނީ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-C/01 ޤަޟިއްޔާއިން ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ޙުކުމްކޮށްފައިވާތީ އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބައި-އިލެކްޝަނެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ 2026 އެޕްރީލް 14 ވާ އަންގާރަ ދުވަހުގެ 10:00 އިން ފެށިގެން އެޕްރީލް 29 ވާ ބުދަ ދުވަހުގެ 15:00 އާ ހަމަޔަށެވެ. އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަންގެ އީ-މެއިލް އެޑްރެސް މެދުވެރިކޮށް ކަމަށާއި ކޮމިޝަނަށް ހާޒިރުވެގެން ވެސް ފޯމު ހުށަހެޅޭނެ ކަމަށް ކޮމިޝަނުން ބުނެ އެވެ.

އީ-މެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ ހުރިހާ ފައިލެއްގެ ސައިޒް އެއްކޮށްލުމުން 10 އެމް.ބީ އަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށް ކޮމިޝަނުން ބުނެ އެވެ. ކޮމިޝަނަށް ހާޒިރުވެގެން ފޯމު ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާ ޕޯޓް ކޮމްޕްލެކްސްގެ 5 ވަނަ ފަންގިފިލާ ހިލާލީމަގުގައި ކަމަށް ކޮމިޝަނުން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުމާއި މުސްލިމަކު ކަމުގައިވުމާއި ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވުމާއި ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން ހިމެނެ އެވެ.

އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަންޖެހޭނެ ކަމަށާއި އިންތިޚާބަށް ކުރިމަތިލާ މީހުން 5،000 ރުފިޔާގެ އިދާރީ ފީ ދައްކަންޖެހޭނެ ކަމަށް ކޮމިޝަނުން ބުނެ އެވެ. އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ އިންތިޚާބީ ދާއިރާގެ އުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 މީހުންގެ ތާއީދު ހޯދަންޖެހޭނެ އެވެ.

ބައި-އިލެކްޝަނުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 06 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތު ކޮޅަކަށް ފަހު އެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 08 ވާ ހޯމަ ދުވަހު ކަމަށް ކޮމިޝަނުން ބުނެ އެވެ.

އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް އިލެކްޝަންސް ކޮމިޝަނުން ލިބެން ހުންނާނެ ކަމަށާއި ކޮމިޝަނުގެ ވެބްސައިޓުން ފޯމު ޑައުންލޯޑު ކުރެވޭނެ ކަމަށް ކޮމިޝަނުން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމްކޯޓުން ހުކުމް ކުރީ އާދީއްތަ ދުވަހު އެވެ. އޭނާގެ ގޮނޑި ގެއްލުނީ ސާބިތު ދަރައްޏެއް ނުދައްކާތީ އެވެ.