ކެލާ ދާއިރާގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބާއްވާ ދެ ވަނަ ބުރުގެ އިންތިޚާބަށް ފުރިހަމަ އަށް އެމްޑީޕީ އިން ތައްޔާރުވެފައިވާ ކަމަށް ހއ. ކެލާ އ.ތ.މ. ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް މަހުދިއްޔާ އާދަމް ވިދާޅުވެއްޖެ އެވެ.

ކެލާ ދާއިރާގެ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ކަމުގެ ވޯޓު އެއްވަރުވެފައި ވަނީ 587 ވޯޓުންނެވެ. އެއްވަރުވެފައި ވަނީ އެމްޑީޕީގެ ކެނޑިޑޭޓް މަހުދިއްޔާ އާދަމް އާއި ޕީއެންސީގެ ކެނޑިޑޭޓް ހައްވާ ފަޒްނާ އާ އެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި، އެއްވަރުވުމުގެ ސަބަބުން ނުވަތަ އެ ނޫންވެސް ސަބަބަކާ ހުރެ ދެވަނަ ބުރަކަށް ދާންޖެހުނު ދާއިރާތަކުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

މަހުދިއްޔާ ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ލިބުނު ނަތީޖާ ވަރަށް ރަނގަޅު ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އަދި ޕީއެންސީ އަށް ކަންކަން ދޫކޮށްލައިގެން ތިބެެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވަނީ އެމްޑީޕީ ރޫހުގައި ކާމިޔާބު ހޯއްދެވުމަށް ތައްޔާރަށް ހުންނެވި ކަމަށް ފާހަގަކުރައްވާފަ އެވެ.

"މިހާތަނަށް ލިބުނު ތާއީދު ވަރަށް ރަނގަޅު. ވަރަށް ތައްޔާރުވެގެން މި ތިބީ. އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ. އަޅުގަނޑުމެން މިތިބީ ދޫދޭ ގޮތަކަށް ނޫން" މަހުދިއްޔާ ވިދާޅުވި އެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައި ލޯކަލް ކައުންސިލް އިންތިޚާބަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބެއްގައި އެންމެ ގިނަ އަދަދަކަށް ރައްޔިތުން ނުކުމެ ވޯޓުލީ ފަހަރެވެ. އަދި އިންތިޚާބުގެ ހުރިހާ ކަމެއްވެސް ކުރިއަށްދިޔައީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކަމަށް އީސީ އިން ބުނެ އެވެ.