އައްޑޫ ސިޓީގެ މޭޔަރުކަން ކުރައްވާފައިވާ ޢަބްދުﷲ
ޞާދިޤު (ސޯބެ) އަށް ފުރިހަމަ ތާއީދު އެބައޮތްކަމަށް ކުރީގެ ރައީސް އިބްރާހިމް
މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވެރިކަމުގައި ހައުސިންގ މިނިސްޓްރީގެ
ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ސޯބެއަށް ތާއީދު އޮތްކަން ރައީސް ސޯލިޙު
ހާމަ ކުރައްވާފައި ވަނީ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ސޯބެ ޝައުޤުވެރިކަން
ފާޅުކުރައްވާފައި ވާތީ އެކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ސޯލިޙު ވިދާޅުވީ، ސޯބެއަކީ ޑިމޮކްރަސީ އާއި
އިޞްލާޙީ މަސައްކަތުގައި އެމްޑީޕީގެ އިސް ސަފުގައި ޒަމާނުއްސުރެ މަސައްކަތް
ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

މީގެ އިތުރުން، އޭނާއަކީ ހިތަދޫއަށް ގިނަ
ޚިދުމަތްތަކެއް ކޮށްދެއްވި އައްޑޫގެ އަގުހުރި ދަރިއެއްކަން ވެސް ރައީސް ސޯލިޙު
ފާހަގަ ކުރެއްވިއެވެ.

މި ޕޯސްޓުގައި ރައީސް ސޯލިޙު ވަނީ މި
އިންތިޚާބުގައި ސޯބެ އަށް އެ މަނިކުފާނުގެ ފުރިހަމަ ތާއީދު އެބައޮތްކަން ހާމަ
ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި
ހުސްވެފައި ވަނީ މެމްބަރުކަމުގައި ހުންނެވި މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ
ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރި ޙުކުމާއެކުގައެވެ. އޭނާގެ ގޮނޑި ގެއްލިފައި ވަނީ
ސާބިތު ދަރަންޏަކާ ގުޅޭ މައްސަލައެއްގައެވެ.